އައްޑޫ މީދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި އާމިނަތު ސާލިހާ، ޕާޓީގެ މެމްބަރުންނަށް ނިހާޔަތަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޕްރައިމަރީގެ ނަތީޖާއަށްފަހު ދެއްވި މެސެޖެއްގައި ސާލިހާ ވިދާޅުވީ، އޭނާއަށް ތާއީދުކޮށް ވޯޓްދެއްވި ޕާޓީގެ ހުރިހާ ލޮބުވެތި މެމްބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ކާމިޔާބީ ހޯދުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސާލިހާ އިތުރަށް ވިދާޅުވީ، އޭނާގެ އުއްމީދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ މީދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި، ޕާޓީގެ ހުރިހާ މެމްބަރުންނާއި މީދޫގެ ރަށްޔިތުންގެ ފުރިހަމަ ތާއީދާއި ސަޕޯޓް ލިބިގެންދިއުން ކަމަށެވެ.
މީދޫގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމެއްގެ ގޮތުން ސާލިހާ ވިދާޅުވީ، އައްޑޫ މީދޫ ކައުންސިލްގެ ރައީސަކަށް އޭނާ ހޮއްވަވައިފިނަމަ، ތަފާތު ފިކުރުތަކާއި ޚިޔާލުތަކަށް އިހުތިރާމްކޮށް، އެންމެނަށް ޖާގަދީގެން ރައީސްކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ މީދޫ ކައުންސިލްގެ ރައީސްކަމަށް އޭނާއަށް ވޯޓްދެއްވުމަށް އެދި، މީދޫގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އާމިނަތު ސާލިހާ ވަނީ މި ފުރުސަތުގައި އިލްތިމާސް ކުރައްވާފައެވެ. ސާލިހާ އަކީ މީދޫގެ ތަރައްޤީއަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރުމުގެ އަޒުމުގައި ހުރި ކެނޑިޑޭޓެއްކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

