އެމެރިކާއިން ވެނެޒުއޭލާއަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށް ފަހު އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕު އިއުލާންކުރައްވައިފިއެވެ.
އެމެރިކާއިން ބްލެކް ހޯކް އަދި ޗިނޫކް ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި، ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮވާފައެވެ.
ރައީސް މަދޫރޯ ގައުމުން ބޭރަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދެއްވަމުން، ދެގައުމުގެ ދެމެދުގައި މަސްރަހު ގޯސްވެފައި އޮތް ދަނޑިވަޅެއްގައި ދިން މި ހަމަލާތަކަކީ "ކާމިޔާބު" އޮޕަރޭޝަނެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
އަދި އޭގެ ފަހުން ޓްރަމްޕް އިއުލާންކުރެއްވި ގޮތުގައި، މަދޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުންވެސް ވަނީ އެމެރިކާގެ ބާރުގެ ދަށަށް ގެނެވިފައެވެ. ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް'ގައި ވިދާޅުވީ، އެމެރިކާއިން ވެނެޒުއޭލާ އަދި އެގައުމުގެ ރައީސް މަދޫރޯއާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ކާމިޔާބުކަމާއެކު ދީފައިވާ ކަމަށާއި، މަދޫރޯއާއި އޭނާގެ އަނބިކަނބަލުން މިހާރު ތިއްބެވީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށެވެ.
ސީ.ބީ.އެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަދޫރޯ ހައްޔަރުކޮށްގެން ގެންދިއުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ވަރުގަދަ އެއް ފައުޖު ކަމަށްވާ 'ޑެލްޓާ ފޯސް' އިންނެވެ.
ހަމަލާތައް ދޭން ފެށުމާއެކު ރައީސް މަދޫރޯ ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮވައިގައި ޓްރަމްޕްގެ މި ހަމަލާތަކަކީ އާންމުންނަށާއި އަސްކަރިއްޔާއަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ. މިއަދު ފަތިހު އެމެރިކާގެ ވައިގެ ސިފައިން ކަރަކަސްއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާއެކު ބާރުގަދަ ގޮވުންތަކެއް ވަނީ އިވިފައެވެ.
އެ ސަރަހައްދުގައި ތިބި މީހުން ބުނި ގޮތުގައި، ބާރުގަދަ ގޮވުންތަކުގެ ކުރިން މަތިންދާބޯޓުތަކެއްގެ ބިރުވެރި އަޑު ވަނީ އިވިފައެވެ. އަދި ހަމަލާތައް ދިން ސަރަހައްދުތަކުން ބޮޑެތި އަލިފާންގަނޑުތައް ހެދިފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
ވެނެޒުއޭލާ ސަރުކާރުން ވަނީ އެމެރިކާގެ މި "ނުރައްކާތެރި އަސްކަރީ ހަމަލާތައް" ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި ގައުމުގެ ހުރިހާ ސިޔާސީ އަދި އިޖުތިމާއީ ބާރުތަކުން ގައުމުގެ ދިފާއުގައި ނުކުތުމަށް ވަނީ ގޮވާލާފައެވެ.
ދިފާއީ ވަޒީރު ލަޑިމިއަރ ޕަޑްރީނޯ ވަނީ ގައުމުގެ އެކި ކަންކޮޅުތަކަށް އަސްކަރީ ފައުޖުތައް ނެރުމަށް އަމުރުކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ވެނެޒުއޭލާއާ ދެކޮޅަށް މިހާތަނަށް ދެވުނު އެންމެ ވަރުގަދަ "އުދުވާނީ ހަމަލާ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި 'ޖެނެރަލިސިމޯ ފްރެންސިސްކޯ ޑި މިރަންޑާ' އެއާ ބޭސްއާއި، ވެނެޒުއޭލާގެ ދިފާއީ ވުޒާރާ ހުންނަ 'ފޯޓް ޓިއުނާ' ހިމެނެއެވެ. އަދި ރިޔާސީ ގަނޑުވަރު 'މިރަފްލޯރެސް' ސަރަހައްދަށް ބަހައްޓާފައިވާ އަސްކަރީ ވެހިކަލްތައް ދަތުރުކުރަމުންދާ މަންޒަރު ވެސް ވަނީ ފެނިފައެވެ.
ރައީސް ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ވެނެޒުއޭލާއަށް އެއްގަމު މަގުން އަރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ. އަދި ފާއިތުވި މަސްތަކުގައި އޭނާ ގެންދެވީ މަދޫރޯ ގައުމު ދޫކޮށް ދިއުމަށް ނުވަތަ އެމެރިކާގެ އަސްކަރީ ހަމަލާތަކާ ކުރިމަތިލުމަށް އިންޒާރު ދެއްވަމުންނެވެ.
ކަރަކަސްގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ރައްކާތެރި ތަންތަނުގައި ތިބުމަށާއި، އެއްވެސް ތަނަކަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

