އައްޑޫ ސިޓީގައި ސައިޓޯޓޮކްސިކް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫއަކީ "އެލިމިނޭޓިން ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީން އާންމުކޮށްފައިވާ ޓާމްސް އޮފް ރެފަރެންސް (ޓީއޯއާރު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންޖެހެއެވެ. މި މަސައްކަތާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. ރަޖިސްޓްރޭޝަން ފުރުސަތު 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެއެވެ. ރަޖިސްޓްރީ ކުރުމަށް tenders@mote.gov.mv އަށް އީމެއިލް ކުރަންޖެހޭއިރު، ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 08 ޖަނަވަރީ 2026 ގެ މެންދުރު 12:00 އާ ހަމައަށް އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ބީލަން ހުށަހެޅުން އޮންނާނީ 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ. ބީލަންތައް ހުށަހަޅަންޖެހެނީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ދަރުބާރުގެ ފާށަނާ މާލަމް ރިސެޕްޝަނަށެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ އެދުވަހުގެ 11:05 ގައެވެ.
މި ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަހެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، އިއުލާނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ބޭރުގައި ސާފުކޮށް އެނގޭނޭ ގޮތަށެވެ.
މަސްދަރު :ދިޔަރެސް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

