ލީބިޔާގެ އަސްކަރިއްޔާގެ އިސްވެރިޔާ މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް ދަތުރުކުރެއްވި މަތިންދާ ބޯޓެއް ވެއްޓި، އޭނާ ހިމެނޭ ގޮތަށް އެ ބޯޓުގައި ތިބި އެންމެން އަވަހާރަވެއްޖެއެވެ.
އަލްޙައްދާދް ދަތުރުކުރެއްވި ޚާއްޞަ ޖެޓު ވެއްޓިފައި ވަނީ ތުރުކީވިލާތުގެ އަންކާރާއިން ފުރިތާ މާ ގިނައިރުތަކެއް ނުވެއެވެ. މި ނުރައްކާތެރި ހާދިސާގައި އެ އުޅަނދުގައި ތިބި ހުރިހާ ފަރާތްތަކެއް ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ލީބިޔާގެ އަސްކަރިއްޔާގެ އިސް ހަތަރު އޮފިސަރުންނާއި، މަތިންދާ ބޯޓުގެ ތިން ފަޅުވެރިން ހިމެނެއެވެ.
ލީބިޔާގެ އަސްކަރީ ވަފުދު ތުރުކީވިލާތަށް ދަތުރުކޮށްފައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ އަސްކަރީ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމަށެވެ. މަޝްވަރާތައް ނިންމަވައިލެއްވުމަށް ފަހު އެ ވަފުދު ތުރުކީވިލާތުން ފުރާފައި ވަނީ އެ ޤައުމުގެ ގަޑިން ރޭގަނޑު 8:10 ހާއިރެވެ. މަތިންދާ ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް 40 މިނިޓު ފަހުން އެ އުޅަނދާ މުވާސަލާތީ ގުޅުން ކެނޑިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މުވާސަލާތީ ގުޅުން ކެނޑުމުގެ ކުރިން، މަތިންދާ ބޯޓަށް ކަރަންޓުގެ މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ، ކުއްލި ޙާލަތުގައި އުޅަނދު ޖެއްސުމަށް އެދިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އެ އުޅަނދު ރާޑަރުން ގެއްލިފައި ވަނީ ކުއްލި ޙާލަތުގައި ޖެއްސުމަށް ތިރިކުރަމުން ދަނިކޮށެވެ. މި ހާދިސާ ތަހުޤީޤު ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ތުރުކީވިލާތުގެ އިދާރާތަކުން ލަފާކޮށްފައި ވަނީ، މަތިންދާ ބޯޓު ވެއްޓިފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، ގަސްތުގައި އުޅަނދަށް ގެއްލުން ދީފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

