ގިނަ ދާއިރާތަކަކުން ޒުވާނުން ހިމަނައިގެން ބާއްވާ ޒުވާނުންގެ ޤައުމީ ކޮންފަރެންސް މިއަދު ފަށައިފިއެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޮންފަރެންސް ކުރިއަށް ގެންދަނީ ޔޫތު ހަބްގައެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދާއި އެވުޒާރާގެ އިސްވެރިންނާއި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
"ނޭޝަނަލް ޔޫތު ކޮންފެރެންސް" ނުވަތަ ޒުވާނުންގެ ޤައުމީ ކޮންފަރެންސަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.
މިކޮންފަރެންސްގައި އެކި ދާއިރާތަކުން ޖުމްލަ 93 ޒުވާނުން ބައިވެރިވެއެވެ. މިއަހަރުގެ މިކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުންވެސް ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމާއި، ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަކީވެސް މިކޮންފަރެންސްގެ ބޭނުމެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިކޮންފަރެންސްގައި ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކޮށް، ކުރިއެރުވުމަށް މިސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށާއި، ޒުވާނުންނަށް ޚާއްސަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމަށާއި، ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާޙައުލެއް ޤާއިމުކުރުމުގެ އިތުރުން ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ދިނުމަށް "ޒުވާނުންގެ ވެހި" ވަނީ ހުޅުވާފައެވެ.
މަސްދަރު އަދި ފޮޓޯ: ޕީއެސްއެމްނިއުސް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

