ސްޕެނިޝް ލަލީގާގައި ރޭ ވިޔަރެއާލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގު ތާވަލްގެ އެއްވަނައިގައި އޮތް ފަރަގު 4 ޕޮއިންޓަށް އިތުރުކޮށްފިއެވެ.
މި މޮޅާއެކު ބާސެލޯނާއަށް ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން ޖުމްލަ 46 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ މަގާމު ލިބިފައިވާއިރު، ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. މި މެޗުން ބަލިވި ވިޔަރެއާލް 35 ޕޮއިންޓާއެކު އޮތީ ތާވަލްގެ ހަތަރުވަނައިގައެވެ.
ލަލީގާގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް މޮޅުވެފައިވާ ބާސެލޯނާ، ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީއަކުން ރަފީނިޔާ ލަނޑު ޖަހައި، އެ ޓީމަށް ލީޑު ނަގައިދިނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވިޔަރެއާލްގެ ޒުވާން ކުޅުންތެރިޔާ ރެނާޓޯ ވޭގާ، ބާސެލޯނާގެ ލަމީން ޔަމާލްއަށް ކުރި ފައުލަކާއި ގުޅިގެން މެޗްގެ 39 ވަނަ މިނިޓްގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން، މެޗުގެ ބާކީ ވިޔަރެއާލުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ބާސެލޯނާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ 63 ވަނަ މިނިޓުގައި ލަމީން ޔަމާލް ކާމިޔާބުކުރިއެވެ. މިއީ މި ސީޒަނުގައި އޭނާ ލަލީގާގައި ޖެހި 9 ވަނަ ލަނޑެވެ.
ފިނި މޫސުމާއި އާ އަހަރުގެ ޗުއްޓީއަށް ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު، ލަލީގާގެ ކުޅުން އަލުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

