ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމުގައިވާ، އިބްރާހީމް އާދިލް (ކޮއްކޮ)، ރޭ ނިޔާވެއްޖެއެވެ.
ދިވެހިރާއްޖޭގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާ އަހުމަދު އަދީލް (ބޭބެ) ގެ ކޮއްކޮ، އާދިލް ދުނިޔެއާ ވަކިވެފައިވަނީ ގާތްގަނޑަކަށް ދެ އަހަރަށްވުރެ ގިނަ ދުވަހު ބަލިވެ އުޅުއްވުމަށްފަހުއެވެ.
ވޮލީބޯޅައިގެ ރަންޒަމާނުގައި، ހަވީރު ނޫހުން ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ކޮއްކޮ ހޮވާފައިވެއެވެ.
ވެލެންސިއާއިން ވޮލީބޯޅައިގެ ދާއިރާއަށް ނުކުމެ، ގިނަ ކްލަބުތަކަށް ކުޅުނު ކޮއްކޮ، ދިވެހިރާއްޖޭގެ އެންމެ މޮޅު ބްލޮކަރުންގެ ތެރޭގައި ހިމެނި، ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވެއެވެ.
އޭނާ ވަނީ ޖެހިޖެހިގެން 20 އަހަރު ދިވެހި ގައުމީ ވޮލީބޯޅަ ޓީމަށް ތަފާތު ގިނަ މުބާރާތްތަކުގައި ކުޅެ، ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.
ރާއްޖޭގައި ބޭއްވި އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ކްލަބް ވެލެންސިއާއަށް ކުޅެ، 2003 ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ރިސީވަރުގެ މަގާމު ވެސް ކޮއްކޮ ވަނީ ހޯދާފައެވެ. މިނޫނަސް ގިނަ މުބާރާތްތަކެއްގައި އޭނާއަކީ އަބަދުވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.
އޭނާގެ ދިގު ކެރިއަރުގައި ވަނީ އައްޑޫ އަތޮޅު ހިޒް ކްލަބާއި، ބަނޑޮސް އޯކިޑާއި، ވެލެންސިއާ އާއި، އައްޑޫ ސްޕޯޓްސް ކްލަބު، އަދި އައްޑޫމީދޫ އެފްޑީ ފަދަ ވޮލީބޯޅައިގެ ގަދަ ކްލަބުތަކަށް މޮޅަށް ކުޅެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

