ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީއާ ދެކޮޅަށް އިތުރު ޖަލު ޙުކުމެއް އިއްވައިފިއެވެ. ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުންނަށް 17 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
މި ޙުކުމް އިއްވާފައި މިވަނީ، ޚާންގެ ސަރުކާރަށް ލިބިފައިވާ އަގުބޮޑު ހަދިޔާތައް ގަވާއިދާ ޚިލާފަށް ވިއްކާލައި، އޭގެ ތެރެއިން ބައެއް ތަކެތި ދަށް އަގުގައި އަމިއްލަފުޅަށް ބައްލަވައިގަތުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައެވެ. ދައުލަތުން ބުނާ ގޮތުގައި، މި ތަކެތީގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ހަދިޔާގެ ގޮތުގައި ދެއްވާފައިވާ ގިނަ އަދަދެއްގެ މޮޅެތި އަދި އަގުބޮޑެތި މަރުކާތަކުގެ ގަޑި ހިމެނެއެވެ.
ޚާން މިހާރު ވެސް ގެންދަވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން 14 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ޙުކުމް ތަންފީޒުކޮށް ނިމުމުން، މިހާރު އިއްވާފައިވާ 17 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށާނެއެވެ.
އިމްރާން ޚާންގެ ސަރުކާރު 2022 ވަނަ އަހަރު ވައްޓައިލި ފަހުން، އެމަނިކުފާނާ ދެކޮޅަށް ގިނަ މައްސަލަތެކެއްގައި ވަނީ ދަޢުވާ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކޮރަޕްޝަންގެ މައްސަލަތަކެވެ. މީގެ އިތުރުން ދައުލަތުގެ ސިއްރުތައް ހާމަކުރެއްވުމާއި، ނިރުބަވެރިކަމާ ގުޅޭ މައްސަލަތަކެއްގައި ވެސް އޭނާއާ ދެކޮޅަށް ވަނީ ދަޢުވާ އުފުލާފައެވެ. ނަމަވެސް، ޚާން ގެންދަވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ދަޢުވާތަކަށް އިންކާރު ކުރައްވަމުންނެވެ.
ޚާންގެ ޤާނޫނީ ޓީމުން ބުނާ ގޮތުގައި، އޭނާއާއި އޭނާގެ އަނބިކަނބަލުންނާ ދެކޮޅަށް އިތުރު ޙުކުމެއް އިއްވާފައި ވަނީ ދިފާޢުގައި ވަކާލާތު ކުރުމުގެ ފުރުޞަތު ދިނުމެއް ނެތި ކަމުގައެވެ. އަދި ކޯޓުން ވަނީ ބޮޑު ޖޫރިމަނާއެއް ދެއްކުމަށް ޙުކުމް ކޮށްފައިވާ ކަމަށް ޚާންގެ ޤާނޫނީ ޓީމުން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

