ވާދަވެރި އަދި ފޯރިގަދަ މެޗަކަށް ފަހު، ސައުތު ވޭލްސްގެ ލީގު ވަންގެ އެއްވަނައިގައި އޮތް ކާޑިފް ސިޓީ ބަލިކޮށް، ޗެލްސީން އީ.އެފް.އެލް. ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
ކާޑިފް ސިޓީ ސްޓޭޑިއަމްގައި އެޓީމުގެ ގިނައަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ގޯލެއް ނުޖެހި ނިމުނުއިރު، ޕްރިމިއާ ލީގުގެ ޗެލްސީގެ ހަމަލާތައް ހުއްޓުވައި، ކާޑިފް ސިޓީންވެސް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ.
ރޭ ކުޅެވުނު މިމެޗްގައި ގިނަ ވަގުތު ޗެލްސީން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ކާޑިފްސިޓީގެ ކުޅުންތެރިންގެ ފަރާތުންވެސް މިމެޗުގައި ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ރޭގެ މެޗަށް މުޅި ޓީމަށް ބަދަލު ގެނެސްފައެވެ. ޗެލްސީން މިބަދަލު ގެނެސްފައިވަނީ ޗެލްސީ އެންމެ ފަހުން ޕްރިމިއާލީގުގައި އެވަޓަންއާއި ބައްދަލުކުރި މެޗަށް ފަހު 48 ހަމަ ނުވާއިރު ޓީމުގެ ކުޅުންތެރީންނަށް ރެސްޓް ދިނުމަށްކަމަށް ޗެލްސީގެ ކޯޗް މަރެސްކާ ބުނެފައިވެއެވެ.
މިމެޗްގައި ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން ޗެލްސީގެ ކުޅުން ފުރަތަމަ ހާފުގައި އެހާ ބޮޑަށް ހިތްހަމަ ނުޖެހިގެން ކޯޗް ވަނީ ދެވަނަ ހާފު ފެށުމާއެކު ދެ ބަދަލު ގެނެސްފައެވެ.
އެ ބަދަލުތަކުގެ ތެރެއިން އެލެހާންޑްރޯ ގާނާޗޯ ވަނީ ދެވަނަ ހާފްގެ 57 ވަނަ މިނިޓްގައި ކާޑިފްގެ ސެންޓަރ ބެކް ޑިލަން ލޯލޯ އަތުން ބޯޅަ ހޯދައިގެން ގޯލެއް ޖަހައި ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

އެހެންނަމަވެސް ބްރައިއަން ބެރީ-މަރްފީގެ ޓީމުން 75 ވަނަ މިނިޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑަކީ ޕެރީ އެންގް ދިން ރީތި ހުރަހަކުން ޑޭވިޑް ޓާންބުލް ބޮލުން ގޯލެއް ޖަހައި ގެން ކާމިޔާބުކުރި ލަނޑެކެވެ
ޗެލްސީން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު ދެވަނަ ހާފްގައި ކުޅެން އެރި ޕެޑްރޯ ނެޓޯ، ކާމިޔާބުކޮށްދީފައިވަނީ 82 ވަނަ މިނިޓްގައެވެ. ޕެޑްރޯ ނެޓޯ، ފޮނުވާލި ބޯޅަ ގޯލަށް ވަދެފައިވަނީ ކާޑިފްސިޓީގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ގޯލުގެ ތެރެއަށް ވަދެގެންނެވެ.
އޭގެ ފަހުން މެޗްގެ އިތުރު ވަގުތުގައި ގާނާޗޯ ތިންވަނަ ގޯލެއް ޖަހައި، މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްދިނެވެ.
ސެމީ ފައިނަލުގެ ޗެލްސީ ކުޅޭނެ ޓީމު އެނގިގެންދާނީ ބުދަ ދުވަހު ގުރުއަތުލުމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

