ބ. ގޮއިދޫގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑްތަކާ ގުޅިގެން ރަށުގައި ކެންސަރު ބަލި އިތުރުވަމުންދާކަމަށް ބުނެ، އެރަށުގެ ރައްޔިތެއް ސިއްޙީ ވަޒީރު ނާޒިމް އިބްރާހިމަށާއި، ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއަށް ސިޓީއެއް ފޮނުވައިފިއެވެ.
ބ. ގޮއިދޫގެ ރައްޔިތެއް ކަމަށްވާ ސަހުލާ ރިޒާ އިއްޔެ ވަޒީރުންނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވަނީ، އެރަށަކީ އާބާދީ މަދު ނަމަވެސް ބިން ބޮޑު، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ރަށެއް ކަމަށެވެ. އަދި ދަނޑު ހެއްދުމަށް ދޫކޮށްފައިވާ ގިނަ ބިންތަކުގެ ތެރެއިން %95 ދަނޑުތަކަކީ، ދަނޑުގެ ވެރިފަރާތުން ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލާފައިވާ ދަނޑުތަކެއް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
ސަހުލާ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް "ޕެސްޓިސައިޑްސް" އަދި މިނޫންވެސް އެކިއެކި "ކެމިކަލްތަކުން" ތަޣައްޔަރުވެފައިވާ ތަކެތި ކަމަށެވެ.
ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ގަސްގަހަށް ޖަހާ ބޭސްތައްވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫނެވެ. "އެގޮތުން، ބޭސް ޖެހުމަށްފަހު 'ހާވެސްޓް' ކުރުމާ ދޭތެރޭ އެކަށީގެންވާ މުއްދަތު ދިނުމެއްނެތި ފަތްލިޕާވެލި އަދި މިރުހާއި ކިޔުކަންބާ ފަދަ ނުކައްކާ ބޭނުންކުރެވޭ ތަކެތި ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން ވިއްކަމުންދާކަމީ ރަށު ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާ ކަމެއް" ކަމަށް ސަހުލާ ބުނެފައިވެއެވެ.
ސަހުލާގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު އެރަށުގައި ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވަމުން ގޮސްފައިވާ ކަމަށެވެ. އަދި މީގެތެރެއިންވެސް، ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
"އެގޮތުން، އަޅުގަނޑަށް ލިބުނު މަޢުލޫމާތުން އެނގޭގޮތުގައި މިދިޔަ ތިން އަހަރުތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި ތިން މީހަކު ވަނީ ނިޔާވެފައި" ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މިކަމުގެ ހައްލުތަކުގެ ތެރޭގައި:
# ދަނޑުތަކާ ގުޅޭ ކަންކަމަކީ ސިއްޙީގޮތުން ރައްޔިތުން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަންކަމަށްވާއިރު، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގައިވާ ގޮތަށް ޕެސްޓިސައިޑް އިންސްޕެކްޓަރުންގެ އެހީތެރިކަމާއެކު، އިތުރަށް ދަނޑުތަކުގައި އެ މަސައްކަތް ކުރާގޮތުގެ އިންސްޕެކްޝަނެއް ކުރިއަށްގެންދިޔުން.
# ގާނޫނުގައިވާގޮތަށް ގެއްލުންލިބޭ ފަދަ ގޮތަކަށް ޕެސްޓިސައިޑް ބޭނުންކުރާނަމަ ދަނޑުގެ ވެރިފަރާތް އެކަންކަމަށް ޒިންމާކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
# ރަށުގައި ކެންސަރު ބަލި މިހާ އާންމުވަމުންދާ ސަބަބުތައް ދިރާސާކޮށް މިކަންކަމާ މެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ރަށުފެންވަރުގައި މަސައްކަތްތަކެއް ކުރުން."
ދަނޑުތަކާ ގުޅޭ ކަންކަމަކީ ސިއްޙީގޮތުން ރައްޔިތުން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަންކަމަށްވާއިރު، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގައިވާ ގޮތަށް ޕެސްޓިސައިޑް އިންސްޕެކްޓަރުންގެ އެހީތެރިކަމާއެކު، އިތުރަށް ދަނޑުތަކުގައި އެ މަސައްކަތް ކުރާގޮތުގެ އިންސްޕެކްޝަނެއް ކުރިއަށްގެންދިޔުން.
ސިޓީއާ ގުޅިގެން ސިއްޙީ ވަޒީރު ނާޒިމް އިބްރާހިމް އަދި ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އަދި އެއްވެސް ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ. ނަމަވެސް މިފަދަ ކަންބޮޑުވުންތަކާ ގުޅިގެން ކަމާބެހޭ ވުޒާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އުންމީދު ކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

