ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއިން އަމިއްލަ ދަނޑު، ސްޕޮޓިފައި ކޭމްޕް ނޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުގެ ފްރެންކްފަރޓް 2-1 ގެ ނަތީޖާއަކުން ބަލިކޮށް، މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ.
މިމެޗަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ދަނޑުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗަށްވުމުން، މި މެޗަށް ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ސަމާލުކަމެއް ލިބުނެވެ.
މެޗް ފެށިގެން މެޗުގައި ގިނަ ވަގުތު ބާސެލޯނާއިން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
މިގޮތުން މެޗުގެ 21 ވަނަ މިނިޓުގައި ފްރެންކްފަރޓްގެ އަންސަރް ނައުފް ކާމިޔާބުކުރި ލަނޑުން އެ ޓީމުން ބާސެލޯނާގެ މައްޗަށް ކުރި ހޯދިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ފޯވަޑް ފަރމިން ލޯޕޭޒްގެ ކުޅުން އެދެވޭ ގޮތަކަށް ނުފެނުމާއެކު، ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ހެންސީ ފްލިކް ވަނީ އޭނާގެ ބަދަލުގައި މާކަސް ރަޝްފޯޑް ކުޅެން އަރުވާފައެވެ. މި ބަދަލާއެކު ބާސެލޯނާގެ އެޓޭކް އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
ބާސެލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ޖޫލްސް ކޯންޑޭ ބޮލުން ޖަހައިގެންނެވެ.
އޭގެ ތިން މިނިޓު ފަހުން ލަމީން ޔަމާލް ދިން ޕާހަކުން ކޯންޑޭ ވަނީ އިތުރު ލަނޑެއް ޖަހާ، މި މެޗުން ބާސެލޯނާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު ބާސެލޯނާއަށް ވަނީ ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމް ލިބިފައެވެ. ފްރެންކްފަރޓް އޮތީ 4 ޕޮއިންޓާއެކު ތާވަލުގެ 30 ވަނައިގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

