އައްޑޫސިޓީގައި ކުރިއަށްދާ "އެރައިސް" އަދި "އެސްޕަޔަރ" ސޯލާ ހަކަތަ މަޝްރޫއުތަކުގެ ދަށުން ގާއިމުކުރާ ސޯލާ ހަކަތަ ނިޒާމުތަކާއި ކަރަންޓް ވިއުގަ ފެންވަރު ރަގަޅުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އާއްމުންނަށް މައުލޫމާތުދީ، އެފަރާތްތަކުގެ ޚިޔާލު ހޯދުމަށް ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ބައްދަލުވުންތައް އިންތިޒާމުކޮށްފައިވަނީ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންނާއެކު ބިލެތް މީރުކޮށްލުމެއްގެ ފުރުސަތު ވެސް ލިބޭނެ ގޮތަށެވެ.
މި މަޝްރޫއުތަކަކީ އައްޑޫސިޓީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް ސޯލާގެ ބޭނުން ހިފުމަށް ހިންގާ މުހިންމު މަޝްރޫއުތަކެކެވެ. މި މަސައްކަތްތަކުގެ ތަފްސީލުތަކާއި، އާއްމުންނަށް އެ މަޝްރޫއުތަކުގެ ފައިދާ ކުރާނެ ގޮތްތަކާއި، މިހާރު މަސައްކަތް ކުރިއަށްދާ ގޮތްތަކުގެ މައުލޫމާތު މި ބައްދަލުވުންތަކުގައި ހިއްސާކުރާނެއެވެ.

މިގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ ތެރެއިން، މީދޫގައި ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 9 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހު ހަވީރު 4:00 އިން 5:00 އަށް ޝަމްސުއްދީން ސްކޫލް (އައިޔޫއެމް ލާނިންގ ސެންޓަރ) ގައެވެ.
އަދި ހުޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އޮންނާނީ 9 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެރޭ 8:00 އިން 9:00 އަށް ހުޅުދޫ ސްކޫލް (ހުޅުދޫ ކޮމިއުނިޓީ ސެންޓަރު) ގައެވެ.
މި ބައްދަލުވުންތައް އިންތިޒާމުކުރާ ފަރާތުން އެދެނީ، އައްޑޫސިޓީގެ ތަރައްޤީއަށް ހިންގާ މި މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށާއި ޚިޔާލުފާޅުކުރުމަށް ވީހާ ގިނަ ފަރާތްތަކުން މި ބައްދަލުވުންތަކަށް ވަޑައިގެން ދެއްވުމަށެވެ. މިއީ ސިޓީގެ ހަކަތައިގެ މުސްތަގުބަލަށް އަސަރުކުރާނެ މުހިންމު ނިންމުންތަކުގައި އާއްމުން ބައިވެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

