ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް، ސެލްޓާ ވިގޯ ވަނީ ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ.
މިމެޗްގައި ސެލްޓަވީގޯގެ ވިލިއޮޓް ސްވެޑްބާގް ދެ ގޯލު ޖެހިއިރު، މެޑްރިޑްގެ ދެ ކުޅުންތެރިންނަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވުމުން އެ ޓީމުން މެޗު ނިންމާލާފައިވަނީ ނުވަ ކުޅުންތެރިންނާއެކުއެވެ.
ސެލްޓަވީގޯގެ ގޯލަށް އަމާޒުކުރި ހަމަލާތަކާއި ބޯޅަ ކޮންޓްރޯލް ކުރުމުގެ ނިސްބަތުން މެޑްރިޑް ކުރީގައި އޮތް ނަމަވެސް، ރަނގަޅަށް އިންތިޒާމުކުރެވިފައިވާ އަދި ތަފާތު ދައްކާލި ސެލްޓާ ވިގޯއާ ދެކޮޅަށް އެޓީމަށް މެޗުގެ ކޮންޓްރޯލް ނެގޭ ގޮތެއް ނުވިއެވެ.
މެޗުގެ 53 ވަނަ މިނިޓުގައި ސްވެޑްބާގް މެޑްރިޑްގެ ގޯލް އޭރިއާގެ ތެރެއިން ފުރަގަހަށް ހުރެގެން ފައިން ޖެހި ހިތްގައިމު ގޯލަކުން ސެލްޓާ ވިގޯ ލީޑު ނެގިއެވެ.
ސެލްޓަވީގޯއިން މިލަނޑު ޖަހާ މެޗްގެ ލީޑު ނަގާފައިވަނިކޮށް މެޗުގެ 64 ވަނަ މިނިޓުގައި މެޑްރިޑްގެ ފްރާން ގާސިއާއަށް ދެވަނަ ރީނދޫ ކާޑު ދެއްކުމަށްފަހު، ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކު، މެޑްރިޑްއަށް މެޗަށް އެނބުރި އައުމަށް ކުރަމުން ދިޔަ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވިއެވެ.
މެޗްގެ އިތުރު ވަގުތުގެ ތެރޭގައި، ރެފްރީގެ ނިންމުންތަކާ ދެކޮޅު ހެދުމުން މެޑްރިޑްގެ ލެފްޓް ބެކް އަލްވާރޯ ކަރޭރަސްއަށްވެސް ދެވަނަ ރީނދޫ ކާޑު ދައްކައި، ރަތް ކާޑު ދެއްކުމަށްފަހު ދަނޑުން ފޮނުވާލިއެވެ. މި ހަމަނުޖެހުމުގެ ތެރެއިން ސްވެޑްބާގް ވަނީ ރެެއާލްގެ ގޯލްކީޕަރު ކަޓުވާލުމަށްފަހު ގޮސް ދެވަނަ ގޯލު ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.
މިމެޗުން ރެއާލްމެޑްރިޑް ބަލިވުމުން އެޓީމަށް 16 މެޗު ކުޅެގެން 36 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ޓޭބަލްގެ ދެވަނާގައެވެ. މިމެޗުން ބަލިވި ސެލްޓަވީގޯ އަށް 15 މެޗުން 19 ޕޮއިންޓް ލިބިގެން އެޓީމު އޮތީ ޓޭބަލްގެ 10 ވަނާގައެވެ.
ލީގުގެ އެއްވާގައި 16 މެޗުން 40 ޕޮއިންޓް ލިބިގެން އެއްވާގައި އޮތީ ބާސެލޯނާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

