އައްޑޫ ހުޅުދޫ ، މީދޫގެ އިރުމަތީ ފަރާތުން 5 މޭލު ބޭރުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަދު ކަނދުފަތި (FAD) އެއް ޤާއިމްކޮށްފިއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާނެކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މި ވަދު ކަނދުފަތީގެ ނަންބަރަކީ R09V02-01 އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 0°35.000’S، 73°19.000’E އެވެ. މިފަދަ ކަނދުފަތިތައް ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މި ކަނދުފަތީގެ ސަބަބުން މަސްވެރިންނަށް މަސް ހޯދުމަށް ދަތުރުކުރަންޖެހޭ ދުރުމިން ކުރުވެ، ވަގުތާއި ހަރަދު ސަލާމަތްވާނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، މަސްވެރިންގެ އާމްދަނީ ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

