އައްޑޫސިޓީ މީދޫގައި ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި، މީދޫގެ ޒުވާން ދަނޑުވެރިޔާ ރަމްޒީއާއި އުރީދޫ އަދި މީދޫގެ ދަނޑުވެރީން ގުޅިގެން ޚާއްޞަ ރަސްމިއްޔާތެއް މިދިޔަ ހުކުރު ދުވަހު ހަވީރު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި އައްޑޫސިޓީގައި މަސައްކަތްކުރައްވާ އުރީދޫގެ ބައެއް އިސްވެރީންނާއި، މީދޫގެ ގިނަ ދަނޑުވެރީންގެ އިތުރުން މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން، މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ނަލަފެހި ޖަމްޢިއްޔާގެ މެންބަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. އަދި އައްޑޫސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ ފާހަގަކުރެއްވި ގޮތުގައި، ދަނޑުވެރިންގެ ދަނޑުތައް ހިމެނޭ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.
"މިވަގުތު ލިބިފައިވާ ބަޖެޓުގެ ތެރެއިން ދަނޑުވެރިންގެ ހުރިހާ ދަނޑުތައް ހިމެނޭ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދެވޭނެ ގޮތެއް ނެތް. އެހެންނަމަވެސް، ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން . މިގޮތުން މޭޔަރ ވެސް ވަޢުދުވެވަޑައިގެންފައިވާ ކަމެއް ދަނޑުވެރިންގެ ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމަކީ،"
ކައުންސިލަރު ސޯލިހާ ވިދާޅުވިއެވެ.
ކައުންސިލަރު ސޯލިހާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ރައީސް އޮފީހުން މީދޫއަށް ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ސުވާލުކުރެއްވުމުން، ދަނޑުވެރިންނަށް ކަރަންޓާއި ފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވާ ކަމަށެވެ.
"ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑުއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅިގެން ރައީސް އޮފީހުން މީދޫއަށް ބޭނުންވަނީ ކޮންކޮން ކަމެއްތޯ ސުވާލުކުރެއްވުމުން، އަޅުގަނޑުމެން ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިންނަށް ކަރަންޓާއި ފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ބުނެފައިވާނެ. އެހެންކަމުން އަޅުގަނޑުގެ އުއްމީދަކީ މިކަން ވަރަށް އަވަހަށް ޙައްލުވެގެންދިއުން،"
ކައުންސިލަރު ސޯލިހާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަކީ ދަނޑުވެރިންގެ މަސައްކަތަށް ހިތްވަރު ދިނުމާއި، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަމެކެވެ. ޚާއްޞަކޮށް، އައްޑޫސިޓީ މީދޫ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާވެފައިވާ ރަށެއްގައި މިފަދަ ދުވަހެއް ފާހަގަކުރުމަކީ އެ ރަށުގެ ދަނޑުވެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

މީދޫގެ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއަރުވައި، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް، ދަނޑުވެރިކަން ތަރައްޤީވެފައިވާ މީދޫގެ ދަނޑު ބިންތަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ދަނޑުވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.



ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

