މަސްގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އިއްޔެ ހެނދުނު ރައީސް އޮފީހުގައި ކެޔޮޅުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިއީ ރައީސް ކެޔޮޅުންނާއި ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.
ރައީސްގެ ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރު 10 އިން ފެށިގެން އަންނަނީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ސަރުކާރުން ފައިސާ ދޫކުރަމުންނެވެ.
މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދޭނެ ކަމަށާއި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަވާ ކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ ހަފުތާގައި މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައެވެ. މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އިއްޔެގެ ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާދަތިތައް ހިމެނެއެވެ. މީގެއިތުރުން މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރެއްވުމަށް ކެއުޅުން އެދިވަޑައިގެންފައިވެއެވެ. އެގޮތުން ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކުރައްވައި، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ކެއުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައެވެ.
އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ ސާޅީސް އަށް ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކުރައްވައިގެން، މަސްވެރިންގެ ޚިޔާލާއި އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

