ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން އިސްނަންގަވައިގެން، އައްޑޫގެ ހުރިހާ އަވަށެއްގައި ކުރިއަށް ގެންދެވުނު ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ހަރަކާތް ހޮނިހިރު ދުވަހު ( 20/9/2025 ވަނަ ދުވަހު ) މީދޫގައިވެސް ކުރިއަށް ގެންދެވުނެވެ.
މީދޫގެ ވަށައިގެންވާ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މެދު ބަނދަރުން ފެށިގެން ވޭރާނޑާއި ހަމައަށެވެ. މި ހަރަކާތުގައި މީދޫ އަވަށު އޮފީހުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ރަށުގެ އެކިއެކި މުވައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަތޮޅުމަދަރުސާގެ ދަރިވަރުންގެ އިތުރަށް ޕްރީސްކޫލްތަކުގެ ދަރިވަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެނދުނު 6:00 ގައި ފެށުނު މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް އަވަށު އޮފީހުން ކުނިއަޅާ ކޮތަޅާއި އަންގީފަދަ ތަކެތި ފޯރުކޮށްދިނެވެ.

މިހަރަކާތުގައި ބައިވެރިން ޓީމުތަކަށް ބަހާލެވި، ކޮންމެ ޓީމަކަށް ވަކި ސަރަޙައްދެއް ކަނޑައެޅުމަށްފަހު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވުނެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވުނީ ގޮނޑުދޮށުން ގިނަ އަދަދަކަށް ފެނުނު ޕްލާސްޓިކް ކުނިއެވެ. އޭގެތެރޭގައި ބުއިމަށް ބޭނުންކުރާ ފެންފުޅިއާއި، ކެއުމަށް ބޭނުންކުރާ ޕްލާސްޓިކް ތަށިފަދަ ތަކެތި ހިމެނެއެވެ.
ހޮނިހިރު ދުވަހު ސާފްކުރުމަށް ބޭއްވުނު މި ހަރަކާތުގައި އައްޑޫ އެއަރޕޯޓްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ވަޙީދު ޙަސަންއާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ ޑރ. އިބްރާހީމް ޔާސިރު އަޙްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ހަމައެހެންމެ ދިވެހި ޑޮކްޓަރުންގެ ޓީމަކުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މިހަރަކާތުގައި ބައިވެރިވެލެއްވި ޑޮކްޓަރުންގެތެރޭގައި ޑރ، ހަބީބު، ޑރ މައުރޫފު އަދި ޑރ. އަފީފު ހިމެނެއެވެ.

މިބޭފުޅުން މިހަރކާތުގައި ބައިވެރިވުމަކީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅިގެން އައްޑޫސިޓީގެ މީދޫގައި ކުރިއަށްގެންދެވުނު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތަކީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަކޮށްދިން ވަރަށް ކާމިޔާބު ހަރަކާތެކެވެ.
މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މުވައްސަސާތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ސްކޫލްތަކަށް މީދޫ އަވަށު އޮފީހުންވަނީ ޝުކުރު ދަންނަވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

