ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީގެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް މިއަދު ވަނީ ޑިޖިޓަލް ޕްލެޓްފޯމް ވަން.ގަވްއަށް ބަދަލުކޮށްފައެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް ޚިދުމަތްތަކުގެ ދާއިރާއަށް އައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތަކުގެ ތެރެއިން އެއް ކުރިއެރުމެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ޓްރޭޑް ނެޓްގެ މެނޭޖިންގ ޑިރެކްޓަރު ސަޢީދާ ޢުމަރާއި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރެވެ. މި ބަދަލާއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށް ކައުންސިލްގެ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ.

ސަރުކާރުގެ "މޯލްޑިވްސް 2.0" އިނީޝިއޭޓިވްގެ ދަށުން ވަން.ގަވް އާއިލާއަށް އަތޮޅުތަކުން އެންމެ ފުރަތަމަ ގުޅިގެންދިޔައީ އައްޑޫ ސިޓީ ކަމުގައިވުމީ ފާހަގަކޮށްލެވޭ ކަމެކެވެ. މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި އެންމެ ގިނަ އާބާދީއެއް ދިރިއުޅޭ ސަރަޙައްދަކީ އައްޑޫ ސިޓީ ކަމަށްވުމާއެކު، މި ބަދަލުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.

މި ޕްލެޓްފޯމް ތަރައްޤީކުރުމުގައި އައްޑޫ ސިޓީގެ ޒުވާނުންގެ ދައުރު ވަރަށް މުހިންމުކަން ޓްރޭޑް ނެޓްގެ މެނޭޖިންގ ޑިރެކްޓަރު ސަޢީދާ ޢުމަރު ވަނީ ފާހަގަކުރައްވާފައެވެ. މި ޚިދުމަތް ތަޢާރަފުކުރެވުމާއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށް ގޭގައި ތިބެގެން ކައުންސިލްގެ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މޭޔަރު ޢަލީ ނިޒާރު ވިދާޅުވި ގޮތުގައި، މިއީ އެމަނިކުފާނު ކައުންސިލަށް ވަޑައިގެންނެވި ފަހުން އެންމެ ބޮޑަށް އުންމީދުކުރެއްވި ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ. އަދި މިއަދު އެ އުންމީދު ޙަޤީޤަތަކަށް ވެގެން ދިޔުމަކީ ވަރަށް އުފާވެރި ކަމެއް ކަމުގައިވެސް ނިޒާރު ވިދާޅުވިއެވެ.
ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އިތުރުވަމުންދާ މި ޒަމާނުގައި، މި ފަދަ ބަދަލުތަކަކީ ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެކެވެ. އައްޑޫ ސިޓީން މިފަދަ ފިޔަވަޅެއް އެޅުމަކީ އެހެން ރަށްރަށަށްވެސް މިކަމުގައި ރަނގަޅު މިސާލެއް ކަމުގައި ދެކެމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

