ރާފަޅާ ފިނިމައިޒާނަކީ މީދޫގެ ރައްޔިތުން އަދި ރަށަށް ޒިޔާރަތްކުރާ މެހުމާނުން ހިތްހަމަޖައްސާލުމަށާ ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުންކުރާ މުހިންމު އެއް ތަނެވެ. ނަމަވެސް، މި ލިއުމުގައި އަލިއަޅުވާލާފައި މިވަނީ ރާފަޅާ ފިނިމައިޒާނަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން އެތަން ކުނިކޮށް ހަޑިކުރަމުންދާ މައްސަލައަށެވެ.
ރާފަޅާ ފިނިމައިޒާނަށް ފަހަކަށް އައިސް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން އެތަނަށް ކުނިއަޅާ ހަޑިކުރަމުންދާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން ފިނިމައިޒާނުގެ ސާފުތާހިރުކަން ދަނީ ގެއްލެމުންނެވެ.
އެތަނަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން ގެންދާ ފެންފުޅި، ދަޅު، ހުސް ސިގިރެޓް ފޮށިތައް، އަދި މިނޫންވެސް ކާބޯތަކެތީގެ ހުސްޕެކެޓްތަކާއި އެހެނިހެން ތަކެތި އެތަނުގެ ތެރެއަށް އަޅާފައި ހުންނަތަން ފެނެއެވެ. މިތަކެތި ، ގޮނޑިތަކުގެ ކައިރިއަށާއި، ހަޓުތެރެއަށް އަދި މަގު މައްޗަށް އަޅާފައިހުރެއެވެ.
ރާފަޅާ ފިނިމައިޒާންގައި ކުނި އެޅުމަށްޓަކައި ޚާއްސަ ޑަސްބިނެއް ބަހައްޓާފައިވާއިރުވެސް، އެތަނަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން އެއަށް ކުނި ނާޅާ އެކި ތަންތަނަށް ކުނި އެޅުމަކީ މައިޒާން ހަޑިވެ، އެހެން ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވާކަމެކެވެ.
ފިނިމައިޒާން ސާފުތާހިރުކޮށް ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުންނާއި މަސައްކަތްތެރިން ގަވާއިދުން މަސައްކަތް ކުރަމުން ދެއެވެ. އެހެންނަމަވެސް، މިގޮތަށް ކުނި އަޅަމުން ދިއުމަކީ ތަން ސާފުކޮށް ރީތިކޮށް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެކެވެ.
ފަންނުތަކާއި ފިނިމައިޒާންތަކަކީ އާންމުކޮށް ހުރިހާ އެންމެން ބޭނުން ކުރަމުންދާނޭ ތަންތަނެވެ. އެހެންކަމުން، މިފަދަ ތަންތަނަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް އެތަންތަން ރީތިކޮށް، ސާފުތާހިރުކޮށް ބެހެއްޓުމަށް މަސައްކަތް ކޮށްދެއްވުން ވަރަށް މުހިންމެވެ. ކުނި، ޑަސްބިންތަކަށް އެޅުމާއި، ސާފުތާހިރުކަން ދެމެހެއްޓުމަށް އަހައްމިއްޔަތުކަން ދިނުމަކީ، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެކެވެ.




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

