އިއްޔެއަކީ އައްޑޫސިޓީގެ މީދޫ އަވަށުގެ ކުޑަކުދިންނަށް ޚާއްޞަ އުފާވެރި ދުވަހަކަށް ވެގެންދިޔަދުވަހެކެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން މީދޫގެ ކުޑަކުދިންނާއި ރައްޔިތުން ބޭނުންވަމުން އައި ކުޑަކުދިންގެ ޕާކް ރަސްމީކޮށް ހުޅުވުނު ދުވަސް ކަމަށްވާތީއެވެ.
އިއްޔެ ހަވީރު މީދޫ ކުޑަކުދިންގެ ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާކް ރަސްމީކޮށް ހުޅުއްވައިދެއްވީ އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރާއި މީދޫ ކައުންސިލަރު އާމިނަތު ސޯލިހާއެވެ.
މި ރަސްމިއްޔާތުގައި މީދޫއާއި ހުޅުދޫގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރު ސޯލިހާ ވިދާޅުވީ، މިއަދަކީ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަމަނާ ރައްޔިތުންނަށް ވެވަޑައިގެންނެވި ހަމައެކަނި ވަޢުދު ފުރިހަމަކުރެވުނު ދުވަސް ކަމަށެވެ.
"މީދޫގައި ކުޑަކުދިންގެ ޕާކެއް ނެތުމުން، މީދޫގެ ރައްޔިތުން ކެމްޕޭން ތެރޭގައި ޕާކެއް ހަދައިދިނުމަށް އެދިފައިވުމާއެކު، އަޅުގަނޑަށް ޤަބޫލުކުރެވުނީ ކުޑަކުދިންގެ ޕާކަކީ ކޮންމެހެންވެސް އަޅުގަނޑުގެ ދައުރުގައި ނިންމަންޖެހޭ ތަނެއްކަމަށް،" ސޯލިހާ ވިދާޅުވިއެވެ.
އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ކައުންސިލްގެ އެކްޓިވިޓީގައި މީދޫ އަވަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ހިމެނިގެންދިޔަކަން ސޯލިހާ ފާހަގަކުރެއްވިއެވެ. ނަމަވެސް ކައުންސިލްގެ ބަޖެޓަށް ޕީ.އެސް.އައި.ޕީގެ ޕްރޮޖެކްޓްތައް ހިންގޭވަރަށް އާމްދަނީ ލިބިފައިނުވާތީ ޕާކުގެ މަސައްކަތް ނުފެށި ލަސްވިކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކައުންސިލްގެ ޚަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތުން 2024 ވަނަ އަހަރު ކައުންސިލްގެ އާމްދަނީ އިތުރުވުމާއެކު، އެކަށީގެންވާ ޕާކެއް ތަރައްޤީކުރެވޭނެކަމުގެ ޔަޤީންކަން ލިބުމުން، އެ އަހަރު ޕާކް ހެދުމަށް ކައުންސިލުން އިޢުލާންކުރެވިގެން ޕާކުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށްފަހު، ޕާކުގެ ޑިޒައިނަށާއި އިތުރު އެހެން ބަދަލުތަކެއް ގެންނަންޖެހުމާއެކު، ޕާކް ނިންމައި ހުޅުވުމަށް ލަސްތަކެއް ދިމާވެގެން ދިޔަކަމަށްވެސް ސޯލިހާ ފާހަގަކުރެއްވިއެވެ.
މި ޕާކުގައި ބެހެއްޓިފައިހުރި ތަކެތީގެ ތެރެއިން އެއް ސެޓަކީ 18 ޑިސެންބަރު 2023 ގައި ކުޅިވަރާބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢުއާ ބައްދަލުކޮށް، މީދޫގައި ކުޑަކުދިންގެ ޕާކެއް ނެތުމުގެ ކަންބޮޑުވުމާއި ކުދިންގެ އިޙްސާސްތައް މިނިސްޓަރަށް ހިއްސާކޮށް، 20 ޑިސެންބަރު 2023 ގައި ރަސްމީކޮށް މިނިސްޓްރީއަށް ދެންނެވުމުން ލިބިފައިވާ ސެޓެއްކަމަށް ސޯލިހާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ސޯލިހާ ވިދާޅުވީ މިޕާކް މިހާ ފުރިހަމައަށް ތަރައްޤީކުރުމަށް އެކްޓިވިޓީގައި ހިމެނުނު ބަޖެޓް އެޕްރޫވްކޮށްދެއްވިކަމަށްޓަކައި މީދޫގެ ރައްޔިތުންގެ ނަމުގައި އައްޑޫސިޓީގެ މޭޔަރަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ.
"މި ޕާކުގެ ޢަމަލީ މަސައްކަތް އަޅުގަނޑު އެދުނު ގޮތަށް އިތުރު ކަންކަމާއެކު ފުރިހަމަކޮށްދެއްވާފައިވާތީ މި މަސައްކަތުގެ ކޮންޓްރެކްޓަރ އަލީ ނޫރައްދީނަށާއި ޢަމަލީގޮތުން މަސައްކަތްކޮށްދެއްވި ނޫރައްދީން އިންވެސްޓްމަންޓްގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. އަދި މި ޕާކުގެ ކޮންމެ މަސައްކަތެއް ވަރަށް ގާތުން ކައުންސިލް އިދާރާއިން ބައްލަވަމުން ގޮސްފައިވާތީ މިކަމުގައި ޝާމިލުވި ހުރިހާ ކައުންސިލް މުވައްޒަފުންނަށް ޝުކުރު ދަންނަވަން,ވަކިންޚާއްސަކޮށް މިކަމުގައި މާނާކޮށްދެއްވި މަސައްކަތްތައްފާހަގަކޮށް މާނާއަށް ޝުކުރުދަންނަވަން "
ސޯލިހާ ވިދާޅުވިއެވެ.
އަދި މި ޕާކް ތައްޔާރުކުރުމުގައި ގާރީގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ގާރީއަށްވެސް ކައުންސިލާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެކެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި ކުޅެ އުޅެވޭނެ ތަނެއް ނެތުމަކީ ބެލެނިވެރިންގެ ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ. މި ޕާކް ހުޅުވުމާއެކު މީދޫގެ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި އާއިލާއާއެކު ހިތްގައިމު ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.
މީދޫގެ ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމަކީ ކައުންސިލަރު އާމިނަތު ސޯލިހާގެ އިންތިޚާބީ ވަޢުދެއްކަމަށްވެފައި، އެ ވަޢުދު ފުއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
މި ޕާކް ތަރައްޤީކުރެވި، ގައުމީ ދުވަހުގެ މުނާސަބަތުގައި ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދެވުނު އުފާވެރި ހަދިޔާއެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

