ދާދިފަހުން މީދޫގައި ނިމިގެންދިޔަ " ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025" ގައި ޒުވާން އެތައް ކުޅުންތެރިންނެއް ފެނިގެންދިޔަ އެވެ. ހުނަރުވެރި ޒުވާން އެތައް ކުޅުންތެރީން ފެނިގެންދިޔައިރު ހަމަ ޔަގީނުންވެސް ގިނަ ބަޔަކަށް އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކުޅުންތެރިއެއްގެ ގޮތުގައި އެތުލެޓިކްސް ޓީމުގެ ޒާހިލްސަމީއުވެގެންގޮސްފައިވެއެވެ.
ސ. ހުޅުދުއަށް އުފަން އުމުރުން އެންމެ 15 އަހަރުގެ ޒާހިލް ވަނީ ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ގެ ތަފާތު މޮޅު ކުޅުމެއް ދައްކާ އެތުލެޓިކްސްއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން ފައިނަލްމެޗްގައި އެޓީމުން ކާމިޔާބުކުރި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީވެސް ޒާހިލްއެވެ.

މުބާރާތުގައި 6 ގޯލު ޖަހާ ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާގެ އިިތުރަށް އެންމެ މޮޅު 5 ކުޅުންތެރީންގެ ތެރޭގައި ޒާހިލް ހިމެނިފައިވާއިރު މުބާރާތުގައި އެތުލެޓިކްސް ކުޅުނު މެޗްތަކުތެ ތެރެއިން ފައިނަލްމެޗާއެކު 2 މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ޒާހިލް ހޮވިފައިވެއެވެ. ޒާހިލްއަކީ އެންމެ ކުޑައިރުއްސުރެ ފުޓްބޯޅައަށް ލޯބީގައި ޖެހި ފުޓްބޯޅަ ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. އިންޓަރ ސްކޫލް މުބާރާތްތަކާއި ރަށުފެންވަރުގައި ބޭއްވިފައިވާ ތަފާތު މުބާރާތްތަކުގައި ޒާހިލް ވަނީ ކުޅެފައެވެ.
ޒާހިލް ބުނާގޮތުން ޒާހިލްގެ ފުޓްބޯޅައިގެ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ 2022 ވަނަ އަހަރު ހިތަދޫގައި ބޭއްވުނު އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ސ. އަތޮޅުމަދަރުސާގެ ޓީމުގައި ހިމެނި މުބާރާތުގެ ޗެމްޕިއަންކަން ލިބުމެވެ.

ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ރައްޓެހިންނާ އާއިލާގެ ފަރާތުން ކަމަށް ޒާހިލް ބުނާއިރު ފުޓްބޯޅައިގައި އޭނާއަށް އެންމެ ކަމުދާ ކުޅުންތެރިންނަކީ ލިއޮނަލް މެސީއާއި ހާފިޒު ކަމަށް ޒާހިލް ވަނީ ބުނެފައެވެ.
ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ގައި ދެއްކުނު ކުޅުމާމެދު ވާހަކަދައްކަމުން ޒާހިލް ބުނީ މިފަހަރު ދެއްކުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ޒާހިލް ބުނީ ފައިނަލްމެޗްގެ ކުރީކޮޅު އިދިކޮޅު ޓީމުން ލީޑުނަގާފައިވަނިކޮށް މެޗްގެ ނަތީޖާ އެއްވަރުކުރެވުނު ލަނޑު ޒާހިލްއަށް ކާމިޔާބުކޮށް ދެވުނުކަމީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށެވެ.
ޒާހިލްގެ ހުނަރު އެކި މުބާރާތްތަކުގައި އޭނާ ދައްކަމުން އަންނައިރު އޭނާއަކީ މިފަހަރުގެ ގަންބުރި މުބާރާތުން ވިދާލި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.



ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

