އައްޑޫސިޓީ ކައުންސިލމެމްބަރުން މާލެސިޓީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، އައްޑޫގެ ތަރައްޤީއާއި ތިމާވެއްޓާ ގުޅުންހުރި ގިނަ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުން ބޭއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.

މި ބައްދަލުވުމުގައި، ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކުރެވިފައި ވީނަމަވެސް އަމަލީ މަސައްކަތް ފެށިފައި ނުވާތީވެ އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުމެއް ފާޅުކުރައްވާފައެވެ. މީގެ އިތުރުން، އައްޑޫގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ބެލެވޭ ޝަންގްރިއްލާ ރިސޯޓު ހުޅުވުމާއި، އައްޑޫސިޓީގައި ހިއްކާފައިވާ 3 ރަށުގައި ކުރެވޭނެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަރައްޤީއާއި ގުޅުންހުރި މުހިންމު ކަންކަމާ މެދު ހިޔާލު ބަދަލުކުރެވުމުގެ އިތުރުން، ތިމާވެއްޓާ ގުޅުންހުރި ގިނަ މައްސަލަތަކަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ. އެގޮތުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ނެގޭ ކުނި ޖަމާކުރާ ކުނި ކޮށީގެ ހާލަތު ރަނގަޅުކުރުމާއި، އެތަނުގެ ވަށާފާރެއް ރޭނުމަށް މަޝްވަރާ ކުރެވުނެވެ. އަދި، ރީޖަނަލް ވޭސްޓް ސައިޓްގައި ގާއިމުކޮށްފައިވާ ކުނި އަންދާ މެޝިން އަދިވެސް ބޭނުންކުރަން ނުފެށިފައިވާ މައްސަލަވެސް ބައްދަލުވުމުގައި ފާހަގަކުރެވި، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމުކުރަން ހަމަޖެހިފައިވާ ނޭޗަރ ޕާރކް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންޑު ހޯދުމާ ގުޅޭގޮތުން ވެސް މިނިސްޓްރީއާ މަޝްވަރާކުރެވިފައިވެއެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ސިޓީ ކައުންސިލްތަކާއި ސަރުކާރުގެ މިނިސްޓްރީތަކާ ދެމެދު ގުޅުން ބަދަހިވެ، ސިޓީތަކުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
މަސްދަރު:އައްޑޫސިޓީކައުންސިލްގެފޭސްބުކްޕޭޖުން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

