އައްޑޫ ސިޓީ މީދޫ ޓުއަރިޒަމް ޒޯނުން 50 އަހަރަށް ބައެއް ބިން ކުއްޔަށް ދީފައިވަނީ ގަވާއިދާ ޚިލާފަށްކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެއެވެ.
އައްދު މިހެން ވިދާޅުވެފަައިވަނީ މީދޫ ޓުއަރިޒަމް ޒޯނުން އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް އެއް ފަރާތަކަށް އެކަނި ދޫކޮށްފައިވަނީ އެތައް ބައެއްގެ ޙައްޤުތައް އުނިވާގޮތަށް ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އައްދު ފޮނުއްވި ސިޓީއެއް ގައެވެ.
އައްދުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މީދޫ ޓުއަރިޒަމް ޒޯނުގެ ޕްލޮޓް ނަންބަރު B1,C5 އަދި C4 ގެ ތިން ބިން އެއްކޮށް އެއް ފަރާތަކަށް ދީފައިވާކަމަށެވެ. މިއީ ޖުމްލަ އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއްކަމަށް އައްދުގެ ސިޓީގައި ބުނެފައިވެއެވެ.
"އައްޑޫ ސިޓީ މީދޫ ޓުއަރިޒަމް ޒޯނުގެ ބިމުން ބޮޑު ބައެއް އެންމެ ފަރާތަކަށް ބިޑްކުރުމެއް ނެތި ގަވާއިދާ ޚިލާފަށް ދޭން ހަމަޖެއްސުމާ ގުޅިގެން އާންމުންނާއި އައްޑޫ ޓުއަރިޒަމް ސެކްޓަރގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން ގިނަބަޔަކު ވަނީ އެކަންބޮޑުވުންތައް އަޅުގަނޑާއި ހިއްސާކޮށްފައި"
އައްދުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އައްދުގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، މިބިން މިގޮތައް ދޫކުރުމަށް ނިންމާފައިވަނީ 27 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު އައްޑޫ ސިޓީ ކައުންސިލްގެ ޓޫރިޒަމް ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު މިމައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމުން، ހުޅުދޫ ދާއިރާގެ ކައުންސިލަރު ފައިޒުއްރަޙްމާން ތާއީދުކުރައްވައި، ޕްލޮޓް ނަންބަރު C5، B1 އަދި C4 އެއް ޒޯނެއްގެ ގޮތުގައި ހެދުމަށް އެދުވަހުގެ ކޮމިޓީ ވަނީ ފާސްކޮށްފައިވާކަމަށް އައްދުގެ ސިޓީގައިބުނެފައިވެއެވެ.
އައްދުގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުން، ފެހީމޫ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް 2021 ވަނަ އަހަރު ހަވާލުކުރެވުނު B1 އަދި C5 ގެ ބިންތައް، އެގްރިމެންޓާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން، ކައުންސިލްގެ 2024 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގައި (2 މެއި 2024 ގައި ) ބާޠިލްކޮށްފައިވާކަމަށެވެ.
ނަމަވެސް، އެގްރިމެންޓް ބާޠިލްކޮށްފައިވާތާ އެއް އަހަރު ފަހުން، އެ އެގްރިމެންޓްތައް އަލުން ރީއިންސްޓޭޓްކޮށް، މި ތިން ބިމުގެ އެއްބަސްވުން އެއްކޮށްލައި، ސަންވިލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީފައިވާކަމަށް އައްދުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ ކަންކަމަކީ ޔަޤީނުންވެސް ރައްޔިތުން ކައުންސިލްތަކަށް ކުރާ އިތުބާރު ދަށްވެގެންދާނެ ކަމެއް" އައްދުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އައްދުގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، މީދޫ ޓުއަރިޒަމް ޒޯނަކީ މީދޫގެ ރައްޔިތުންގެ ގިނަ އުންމީދުތަކާ ގުޅިފައިވާ، ގިނަ ފަރާތްތަކަކުން ޝައުޤުވެރިކަން ފާޅުކުރާ، އައްޑޫ މީދޫގެ އެންމެ ޕްރައިމް ލޮކޭޝަންކަމަށެވެ. އެހެންކަމުން، އެތަން ވާންވާނީ ވީހާވެސް ގިނަ ރައްޔިތުންނާއި، މީދޫ ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާން މުސްތަޤުބަލުގައިވެސް ގަސްދުކުރާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތު ލިބެންޖެހޭ ތަނަކަށް ކަމަށް އައްދު ވިދާޅުވެފައިވެއެވެ.
މިފަދަ ކަންކަން ހައްލުކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިކަމުގައި ވީނަމަވެސް، ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވަނީ ކައުންސިލްތައް ހަރުދަނާކޮށް ޒިންމާދާރުކުރުވުމަށް މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމުގައި އައްދު ދެކެވަޑައިގަންނަވާކަމަށްވެސް އައްދުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އައްދުގެ ސިޓީ ނިންމަވާލައްވަމުން ބަޔާންކުރައްވާފައިވަނީ، އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ގަވާއިދާ ޚިލާފަށް ކައުންސިލް އިންތިޚާބާ ދިމާކޮށް އިޢުލާންކުރުމެއް ނެތި ބިންތައް ކުއްޔަށް ދެމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ، މި މައްސަލަ ވީހާވެސް އަވަހަކަށް ކަމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން ބައްލަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން އެއްވެސް ބަޔާނެއް އަދި ދެއްވާފައެއް ނުވެއެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމާމެދު މަޖިލީހުގެ ރައީސް ނިންމެވި ގޮތެއްވެސް މިވަގުތާހަމައަށް އދި އެނގެން ނެތެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

