ޔޫރަޕާއި ދެކުނު އޭޝިޔާގެ ސިޔާސީ އިސްވެރިންނާއި މަދަނީ ޖަމްއިއްޔާތަކުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް އައްޑޫސިޓީއަށް ކުރެއްވި ދަތުރުގެ ތެރެއިން މީދުއަށާ ހުޅުދުއަށް ޒިޔާރަތްކުރައްވައިފިއެވެ.
މިބޭފުޅުން އައްޑޫސިޓީއަށް ކުރެއްވި 3 ދުވަހުގެ ދަތުރުގެ ތެރެއިން މީދޫއާއި ހުޅުދޫއަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
މީދޫއާއި ހުޅުދުއަށް މިބޭފުޅުން ވަޑައިގެންނެވުމުން ރަސްމީކޮށް މަރުހަބާ ދަންނަވާފައިވަނީ މީދޫ އީދިގަމޫލު ފިނިމައިޒާނުންނެވެ. މިގޮތުން އީދިގަމޫލު ފިނިމައިޒާނުން މިބޭފުޅުންނަށް މަރުހަބާ ދެންނެވީ މީދޫ ކައުންސިލަރު އާމިނަތު ސޯލިހާއާއި މީދޫ އަވަށު އޮފީހުގެ އިސްބޭފުޅުންގެ އިތުރަށް ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ އިސްވެރީންނެވެ.
އަދި މިބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޝާއިރުންގެ ވާދީގެ ފަރާތުން ދަނޑި ޖެހުމުގެ ޚާއްސަ އައިޓަމެއް އީދިގަމޫލު ފިނިމައިޒާނުގައި ބޭއްވިއެވެ.
ތިން ދުވަހަށް މިބޭފުޅުންގެ މިދަތުރު އިންތިޒާމުކުރީ ފްރީޑްރިޗް ނައުމަން ފައުންޑޭޝަން ފޮރ ފްރީޑަމް (އެފްއެންއެފް) ގެ ދެކުނު އޭޝިޔާ ސަރަޙައްދީ އޮފީހުންނެވެ.
އެފްއެންއެފް ދެކުނު އޭޝިޔާގެ ސަރަޙައްދީ ޑިރެކްޓަރ ޑރ. ކާސްޓެން ކްލައިން ވިދާޅުވީ މި ދަތުރުގެ މަޤްޞަދަކީ ޔޫރަޕާއި، ޚާއްޞަކޮށް ޖަރުމަނުވިލާތާއި، ދުނިޔޭގެ އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދު ކަމުގައިވާ ދެކުނު އޭޝިޔާގެ ގައުމުތަކާ ދެމެދު ގުޅުން ބަދަހިކޮށް އެކަކު އަނެކަކުގެ ކިބައިން މައުލޫމާތު އުނގެނުމުގެ ފުރުޞަތުތައް ހޯދުންކަމަށެވެ.
މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޖަރުމަނު ބުންޑެސްޓާގްގެ މެންބަރު މިސް ސަންޑްރާ ވީސަރ، ބުންޑެސްޓާގް ދިފާޢީ ކޮމިޓީގެ ޗެއަރޕަރސަން ޑރ. މާކަސް ފޭބަރ، ޑޮއިޗެ ގްރުޕެ ޑަރ ލިބަރަލް އިންޓަނޭޝަނަލްގެ ރައީސް ޑރ. ޖުރްގެން މާޓެންސް، އަދި ޖަރުމަނުވިލާތުގެ ސިޔާސީ، އިޤްތިޞާދީ އަދި މަދަނީ ޖަމްއިއްޔާތަކުގެ އިސްވެރިންނާއި އެހެނިހެން ނަން މަޝްހޫރު ބޭފުޅުންނެވެ.
މިބޭފުޅުން އައްޑޫ ސިޓީއަށް ކުރެއްވި މިދަތުރުގައި މޭޔަރު ނިޒާރުއާއި ކައުންސިލް މެންބަރުންނާއި، އަދި ބައެއް މުއައްސަސާތަކާ ބައްދަލުކުރައްވައި، ދެމެހެއްޓެނިވި ފަތުރުވެރިކަން، އަދި އާންމު ރައްޔިތުންގެ ފެންވަރުގައި ކުރެވޭ އީޖާދީ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އޮޅުން ފިލުއްވިއެވެ.

















ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

