ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 490 މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ. މިކަން ހާމަ ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަޑް މުހައްމަދު ނަޖާހު ސަންގުޓީވީގެ "ސަރުކާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރައްޔިތުންގެ އިތުބާރު ކުންފުންޏަށް ގެއްލިފައި އޮތް ކަމަށް ނަޖާހު ފާހަގަކުރެއްވިއެވެ. މިކަމަށް ވަރަށް ގިނަ ސަބަބުތަކެއް ހުރި ކަމަށާއި، އޭގެ ތެރޭގައި ނުއަގުގައި ބައެއް ޕްރޮޖެކްޓުތައް ލިބިފައި ހުރުމާއި، ހަވާލުކޮށްފައިވާ ގިނަ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރުމާއި، ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކުގެ ލިޔެކިޔުންތައް ނެތުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުންޏާ ހަވާލުވި އިރު ކުރީގެ އެމްޑީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށް ނަޖާހު ހާމަކުރެއްވިއެވެ. މަސައްކަތްތަކާ ހަވާލުވުމަށްފަހު އުސޫލުތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މައްސަލަތައް ދިމާވި ފަރާތްތަކާ މަޝްވަރާކޮށް، ތަހުގީގު ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މަދުވާ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ލިޔެކިޔުން ނެތް ޕްރޮޖެކްޓުތައް ނުހިންގޭނެ ގޮތަށް ނިޒާމު ހަރުދަނާކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު އެކަހަލަ ވާހަކަތައް ވަރަށް މަދު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިކަންކަން ހަރުދަނާކޮށް ރަނގަޅު ފިޔަވަޅުތައް އެޅެމުންދާ ކަމުގެ ހެއްކެއް މިއީ. މިހާރުވެސް ކުންފުނި އެލައިން ކުރުމުގެ މަސައްކަތް ގެންދަނީ. ބިސްނަސް ޕްރެކްޓިސްއަށް އެލައިންކޮށް، އުސޫލުތައް ހަރުދަނާކޮށް، އާއްމުކޮށް ވިޔަފާރިތައް ކުރިއަށ ގެންދިއުމަށް ހުންނަން ޖެހޭ ނަމާއި އުސޫލުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،"
ނަޖާހު ވިދާޅުވިއެވެ.
ކުންފުނީގައި ތިން ޓިއަރުގެ އޮޑިޓް ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމަށް ނަޖާހު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ހެޑް އޮފީހުން ކުރާ އޮޑިޓްތަކާއި، ބޯޑުން ކުރާ އޮޑިޓްތަކާއި، އެކްސްޓާރނަލް އޮޑިޓްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ މާލީ ހާލަތުގެ ވާހަކަ ދައްކަވަމުން ނަޖާހު ވިދާޅުވީ، ކުންފުނީގައި 7.4 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި، ލޯނުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. އަދި 3.5 ބިލިއަން ރުފިޔާ އެކި ސަޕްލަޔަރުންނަށް ދައްކަން އޮތް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އާއްމު ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަޖާހު ވިދާޅުވިއެވެ. މަސައްކަތާ ހަވާލުވުމަށްފަހު ދައްކާފައިވާ 490 މިލިއަން ރުފިޔާއަކީ ޖުމްލަ ދަރަނީގެ 50 އިންސައްތައަށްވުރެ ބޮޑު އަދަދެއް ކަމަށާއި، ލޯނުގެ ގޮތުގައިވެސް 50 އިންސައްތަ ދައްކާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަކީ މައިގަނޑު އަމާޒު ކަމުގައި ނަޖާހު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

