ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ އައްޑޫ ސިޓީ މީދޫ ޗާނދަނީވިލާ ލަތީފާ ލަތީފެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިޚުލާސްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، ވަޒީފާ އަދާކުރެއްވި މުއައްސަސާތަކުގެ ކުރިއެރުމަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. މީގެ ތިން އަހަރު ކުރިން ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެެއްވި ލަތީފާ ވަނީ ޖުމްލަ 42 އަހަރާއި 13 ދުވަސް މެދުނުކެނޑި ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރައްވައިފައެވެ.
އުމުރުފުޅުން މިހާރު 64 އަހަރުވީ ލަތީފާ ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 9 ޖުލައި 1980 ގައެވެ. މެރިން ޑިވިޝަންގެ ދެ ނަމްބަރު ކާތިބާއެއްގެ ގޮތުގައެވެ. ލަތީފާގެ ތައުލީމީ ހަޔާތް ފެއްޓެވީ އައްޑޫ މީދޫގެ ހިދާޔާ ސްކޫލުގައެވެ. ނިންމައިލެއްވީ މާލޭގެ އާލިޔާ ސްކޫލްގައެވެ. ސަރުކާރުގެ ޚިދުމަތަށް ނުކުންނެވީ ދެނަމްބަރު ކާތިބުކަމުގެ ސަނަދު ނެންގެވުމަށްފަހުގައެވެ. މެރިން ޑިވިޝަނަކީ އޭރު ސަރުކާރުގެ ލޯންޗުފަހަރާ ބެހޭ އޮފީހެވެ. އެތަނުގައި ލަތީފާ ވަޒީފާ އަދާކުރައްވަން ފެއްޓެވިއިރު ވެރިޔަކީ މިހާރުގެ އެންވަޔަރުމަންޓު މިނިސްޓަރު ތާރިގު އިބްރާހިމްގެ ބައްޕާފުޅު އިބްރާހިމް ހަސަނެވެ. މެރިން ޑިވިޝަނުގައި ހަ މަހު ޚިދުމަތް ކުރެއްވުމަށްފަހު ވަޒީފާ ދެން ބަދަލުވީ ރައީސް އޮފީހަށެވެ. އެތަނުގައިވެސް ކާތިބާއެކެވެ.

ރައީސް އޮފީހުގެ ދެނަމްބަރު ކާތިބާއެއްގެ ގޮތުގައި 1981 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ހަމައެއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ކުރެއްވީ ޒުވާނުންގެ މަރުކަޒުގައެވެ. އޭރު ޒުވާނުންގެ މަރުކަޒު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ހުރާ އަބްދުއްސައްތާރު ހަސަނެވެ. ޒުވާނުންގެ މަރުކަޒުގައިވެސް ހުންނެވީ ގާތްގަޑަކަށް ހަމަސް ދުވަހަށެވެ. އެތަނުން ދެން ވަޒީފާ ބަދަލުވީ އެއަރ މޯލްޑިވްސްއަށެވެ. އެއަރ މޯލްޑިވްސްގެ ކާތިބާއެއްގެ ގޮތުގައި ޖުލައި 1981 އިން މެއި 1982 އާ ހަމައަށް ހުންނެވުމަށްފަހު އަމިއްލަފުޅަށް އެދިވަޑައިގެން ދެން ވަޒީފާ ބަދަލުވީ ޖަސްޓިސް މިނިސްޓްރީގެ ކާތިބާއަކަށެވެ.
ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ލަތީފާގެ ވަޒީފާ ގާއިމު ކުރެއްވީ އައްޑޫ މީދޫ ކޯޓުގައެވެ. އެތަނުގެ ކްލާކެއްގެ ގޮތުގައެވެ. މީދޫ ކޯޓުގައި ކުލާކެއްގެ ވަޒީފާގައި ހުންނެވީ 1982 ވަނަ އަހަރުން 1991 ވަނަ އަހަރަށެވެ. ދެން ވަޒީފާގެ ކުރިއެރުމަކާއެކު ބަދަލުވީ މީދޫ ކޯޓުގެ ސީނިއަރ ކްލާކަކަށެވެ. މީދޫ ކޯޓުގައި މަސައްކަތް ފެއްޓެވިއިރު ގާޒީއަކީ ސ.ހުޅުދޫ އައްޝައިޚު އަބްދުލްބާރީއެވެ. އެއީ ސަންލޭންޑު ނަޒީރާއި ޝަބީރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ބައްޕާފުޅެވެ. ސަރުކާރުގެ ޚިދުމަތުގައި ލަތީފާ 42 އަހަރާއި 13 ދުވަސް ހޭދަކުރެއްވިއިރު އޭގެތެރެއިން ސާޅީސް އަހަރު ހޭދަކުރެއްވީ މީދޫ ކޯޓުގައެވެ.
އެމުއްދަތުގެ ތެރޭގައި އެކޯޓުގައި ގާޒީކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ޝައިޚު ބާރީގެ އިތުރުން ހުޅުދޫ އިބްރާހިމް ޝަފީއާއި މަރަދޫ އިބްރާހިމް އަހުމަދާއި މީދޫ އަބްދުލްޣަނީ އާއި ޝައިޚު މުހައްމަދު ތައްޔިބު ހިމެނިވަޑައިގަންނަވައެވެ. އެންމެ ދިގު މުއްދަތަކަށް އެބޭފުޅަކާއެކު ވަޒީފާ އަދާކުރެއްވީ އަބްދުލްޣަނީއާ އެކުގައެވެ. އޭނާގެ ދަށުން ގާތްގަޑަކަށް 25 އަހަރު މަސައްކަތް ކުރެއްވިއެވެ. މީދޫ ކޯޓުގައި ލަތީފާ ވަނީ ކާތިބާ ކަމާއި ސީނިއަރ ކްލާކް ކަމާއި އެސިސްޓަންޓް ސެކްރެޓަރީ ކަމާއި ސެކްރެޓަރީކަމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައެވެ. އަމިއްލަފުޅަށް އެދިވަޑައިގެން ވަޒީފާއިން ރިޓަޔަރ ކުރެއްވީ 21 ޖުލައި 2022 ގައެވެ. މީދޫ ކޯޓުގައި ލަތީފާ ހޭދަކުރެއްވި ދިގު މުއްދަތަކީ ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ނިޒާމާއި ވަސީލަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތައް އައި ދުވަސްވަރެވެ.
އެއީ އަތުލިޔުމުން ކޮމްޕިއުޓަރަށް ބަދަލުވި ދުވަސްވަރެވެ. ދުވާލު ކަރަންޓު ނެތިފައި އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމާ ހަމަޔަށް ކަރަންޓު ލިބުނު ޒަމާނުން ފެށިގެން ސައުވީސް ގަޑިއިރުގެ ކަރަންޓުގެ ޒަމާން ލަތީފާ ވަނީ ތަޖުރިބާ ކުރައްވައިފައެވެ. ފާނޫޒުގެ އަލީގައިވެސް ކުރާންޖެހުނު މަސައްކަތް ވަނީ ތަޖުރިބާކުރައްވައިފައެވެ. ގާޒީކަން ފިޔަވައި ކޯޓުގައި ކުރާންޖެހުނު ހަމަ ހުރިހާ މަސައްކަތެއް ކުރެއްވުމުގެ ތަޖުރިބާ ހޯއްދަވާފައިވާތީ ޝަރުއީ ދާއިރާގެ މިދެންނެވި ދިގު ސާޅީސް އަހަރުގެ އަރުޝީފަކަށްވެސް ފުދެއެވެ. ކުރައްވާފައިވާ ޝަރުއީ އަދި އިދާރީ މަސައްކަތްތަކުގެ ތެރޭގައި ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓާއި މަހުޝަރު ބަޔާންތައް ތައްޔާރު ކުރެއްވުން ހިމެނެއެވެ.
މިދެންނެވި ކަންކަމުގެ އިތުރަށް ކޯޓު އަމުރު ތައްޔާރު ކުރެއްވުމާއި ސާބިތު ދަރަނީގެ ރިކޯޑް ބެލެހެއްޓެވިއެވެ. ހުށައެޅޭ މައްސަލަތަކާއި ނިމުނު މައްސަލަތަކުގެ ރިކޯޑުވެސް ބެލެހެއްޓެވިއެވެ. ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓެވިއެވެ. މުވައްޒަފުންނާއި ފަނޑިޔާރުންގެ ޗުއްޓީ ރިކޯޑު ބެލެހެއްޓެވިއެވެ. ސާބިތު ދަރަނީގެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެފައިސާ ހަވާލު ކުރެއްވުމާއި މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓެވިއެވެ. ފަނޑިޔާރުންގެ ހެލްތު އިންޝޫރެންސްގެ ކަންކަން ބެލެހެއްޓެވުމާއި ޖުރިމާނާ ޗިޓާއި ހުކުމް ތަންފީޒު ޗިޓް ތައްޔާރު ކުރެއްވިއެވެ. އަދިވެސް ކިތަންމެ ކަމެކެވެ. މިއިން ކޮންމެ ކަމެއްވެސް ކުރެއްވީ ވަރަށް ފަރުވާތެރިކަމާއެކު ނަމޫނާ ދައްކަވަމުންނެވެ.
ލަތީފާ އެންމެ ފުރަތަމަ ކައިވެންޏެއް ކުރެއްވީވެސް މީދޫ ކޯޓުގައި އުޅުއްވަމުންނެވެ. ދަރިކަނބަލަކު ލިބިވަޑައިގަތީވެސް އެތަނުގައި އުޅުއްވަނިކޮށެވެ. އަދި މާމަދަރިކަލަކު ލިބިވަޑައިގަތީވެސް ކޯޓުގެ ވަޒީފާގައި އުޅުއްވަނިކޮށެވެ. އެހެންވީމާ ޕްރޮފެޝަނަލް ކަންކަމުގެ އިތުރަށް ޒާތީ ދިރިއުޅުމުގެ މުހިންމު ހުރިހާ ކަމެއްވެސް ހިނގައިދިޔައީ މީދޫ ކޯޓުގައި ލަތީފާ ހޭދަކުރެއްވި ދިގު ސާޅީސް އަހަރުގެ ތެރޭގައެވެ. ލަތީފާގެ ހަމައެކަނި ދަރިކަނބަލުންވެސް ވަޒީފާ އަދާކުރައްވަނީ ގާނޫނީ އަދި ޝަރުއީ ދާއިރާގައެވެ. ގާނޫނީ ވަކީލެކެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހު ވަކި ޚާއްސަ މަސައްކަތެއް ނުކުރައްވައެވެ.
|
|
) |
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

