މީދޫގެ ޒުވާނުންގެ މެދުގައި މަޝްހޫރު "މުންގީ" (މުންގިޒު) ގެ ހަނދާނުގައި ބޭއްވޭ "ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025" ފުޓްސަލް މުބާރާތް މިމަހުގެ 27 ވަނަ ދުވަހުގެރޭ މީދޫގައި ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
މުންގިޒުގެ ހަނދާނުގައި ބޭއްވޭ މިމުބާރާތް
މުންގިޒަކީ ފުޓްބޯޅަ ކުޅެން ހުއްޓާ މެޔަށް އެރި ތަދަކާ ގުޅިގެން ސިއްޙީ މަރުކަޒަށް ފަރުވާ ހޯދުމަށް ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާވެފައިވާ ޒުވާނެކެވެ. މީދޫގެ ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ މެދުގައި ވަރަށް މަޝްހޫރު ކުޅުންތެރިއެއްގެ ގޮތުގައި ބެލެވިފައިވާ މުންގިޒުގެ ހަނދާނުގައި މިމުބާރާތް ބޭއްވުމަކީ ރަށުގެ ކުޅިވަރަށް ލޯބިކުރާ ޚާއްސަކޮށް ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
މުބާރާތުގެ ފުރަތަމަ ދުވަސް
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ގްރީންއާއި އެފްސީ ވޯރިއާސްއެވެ. ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ނިމުނީ 6 ލަނޑު 6 ލަނޑުން އެއްވަރުވެގެންނެވެ. ދެ ޓީމުގެ ކުޅުންތެރިންވެސް ދެއްކި ހުނަރުވެރި ކުޅުމާއެކު، މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާކާއެވެ. ނާކާ ދެއްކި ހުނަރުވެރި ކުޅުމާއި، އޭނާ ޖެހި ލަނޑުތަކަކީ މެޗުގެ މުހިންމު ވަގުތެއްގައި ޖަހާފައިވާ ލަނޑުތަކެއްކަމަށް ވުމާއެކު، މި މެޗްގެ މޮޅު ކުޅުންތެރިއަކަށް އޭނާ ހޮވުނީކަމަށް ބެލެވެއެވެ.
މުބާރާތުގެ ފުރަތަމަ ދުވަހުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވަންޕާމްއާއި އައިލެންޑް ކިންގެވެ. މިމެޗް 5 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ވަންޕާމްއެވެ. ވަންޕާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އައިލެންޑް ކިންގްގަށް ވަންޕާމްގެ ހަމަލާތައް ދިފާއުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ގޮސް 5 ލަނޑު 1 ލަނޑުން އައިލެންޑް ކިންގު ވަނީ މެޗުން ބަލިވެފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮޑާއެވެ. ސޮޑާ އޭނާގެ ޕާސްތަކުން ޓީމްގެ އެހެން ކުޅުންތެރިންނަށް ލަނޑުޖެހުމުގެ ފުރުޞަތު ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.
މުބާރާތުގެ ދެވަނަ ދުވަސް
މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަސްތާލަ ވިސްތާލައާއި އެތުލެޓިކްސް އެފްސީއެވެ. މި މެޗް 7 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ އެތުލެޓިކްސް އެފްސީއެވެ. އެތުލެޓިކްސް އެފްސީގެ ފަރާތުން ދެއްކި ހުނަރުވެރި މޮޅު ކުޅުމަކާއެކު، ހަސްތާލަ ވިސްތާލައަށް ދިފާޢުވުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިތަން ފެނިގެން ގޮސްފައިވެއެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަންދޫހު ހަސަންއެވެ.
ދެވަނަ ދުވަހުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރުބާން އެފްސީއާއި އެފްސީ ސޮލެސްއެވެ. މި މެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ އެފްސީ ސޮލެސްއެވެ. ވަރަށް ވާދަވެރި މި މެޗްގައި، ގުރުބާން އެފްސީއިން ވަރަށް ފުރިހަމަ ކުޅުމެއް ދެއްކި ނަމަވެސް، ސޮލެސްގެ ފަރުހާދު ދެއްކި ހުނަރުވެރި ކުޅުމާއެކު ސޮލެސްއަށް ވަނީ މި މެޗް ކާމިޔާބުކުރެވިފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮލެސްގެ ފަރުހާދެވެ. ފަރުހާދު ޖެހި ދެ ލަނޑާއި، މެޗުގެ އެންމެ ފަހު މިނިޓާހަމައަށް ފަރުހާދު ދެއްކި ކުޅުމަކީ ސޮލެސްއަށް މެޗް ކާމިޔާބުކުރުމަށް ލިބުނު ބޮޑު ބާރެއްކަމަށް ވެގެން ގޮސްފައިވެއެވެ.
މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީފައިނަލށް ފައިނަލަށް ހޮވޭގޮތަށް މުބާރާތުގެ މެޗްތައް ރޭވިފައިވާއިރު، މުބާރާތުގައި ފެނިގެން ދިޔަ ދެދުވަހުގެ މެޗްތަކުގައި ޓީމްތަކުން ދެއްކި ކުޅުމާއެކު މުބާރާތުގެ ކުރިއަށް ހުރި މެޗްތަކަކީވެސް ވަރަށް ފޯރިގަދަ މެޗްތަކަކަށް ވާނެކަމަށް ބެލެވެއެވެ.
މުބާރާތް ބޭއްވުމުގެ މަޤްޞަދު
"ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025" ގެ ނަމުގައި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މީދޫގައި ނިޔާވެފައިވާ ޒުވާން ކުޅުންތެރިއެއްގެ ހަނދާން އާކުރުމާއެކު، މީދޫއާއި ހުޅުދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރަށް ލޯބިޖެއްސުމާއި، ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުމެވެ.




