ސ. ހުޅުދޫ މަލާޒް ގޭގެ ދޮރުމަތީގައި ބަހައްޓާފައިހުރި ދެ ސައިކަލެއްގައި ރޭ ފަތިހު ރޯކޮށްލައިފިއެވެ. މި ހާދިސާގައި އިތުރު އެއް ސައިކަލަކަށާއި އިމާރާތަކަށްވެސް ގެއްލުން ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 3:30 އާއި 4:00 އާ ދެމެދުގެ ވަގުތެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ އޮފިސަރުން ވަރަށް އަވަހަށް ހާދިސާ ހިނގި ސަރަހައްދަށް ގޮސް އަވަސް ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް މަލާޒް ގޭގައި ދިރިއުޅޭ މީހުންގެ ސަމާލުކަމަށް މިކަން ގެނެސް، ފަޔަރ އެންޑް ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު އަލިފާން ނިއްވާލެވިފައިވެއެވެ. އަލިފާން ނިއްވާލެވުނުއިރު ދެ ސައިކަލް ވަނީ އެއްކޮށް ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައެވެ.
އަލިފާން އަވަހަށް ކޮންޓްރޯލް ކުރުމުގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ފަޔަރ އެންޑް ރެސްކިއު ޓީމުން، ޚާއްޞަކޮށް ޕޮލިސް 2 އޮފިސަރުން ދެއްކި ޕްރޮފެޝަނަލްކަމާއި ހަލުވިކަން ފާހަގަކޮށް، ސޯޝަލް މީޑިއާގައި މަލާޒް ގޭގެ އިބްރާހިމް ޒުހުރީ ޝުކުރު އަދާކޮށްފައިވެއެވެ.
"އަޅުގަނޑުމެންގެ ގެ ކައިރީގައި ހުރި ސައިކަލްތަކުގައި ރޯކޮށްލި ހާދިސާގައި ފުލުހުންނާއި ފަޔަރ ޓީމުން ދެއްކެވި ހިތްވަރާއި ޕްރޮފެޝަނަލްކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެބޭފުޅުންގެ އަވަސް އިޖާބައާއި ފަންނީ ޤާބިލުކަމުގެ ސަބަބުން އިތުރު ބޮޑެތި ގެއްލުންތަކެއް ވިޔަ ނުދީ ހިފެހެއްޓުނީ،" ޒުހުރީ އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާއަކީ ކަނޑައެޅިގެން ގަސްތުގައި ކޮށްފައިވާ ޢަމަލެއްކަމަށް ބެލެވެއެވެ.
މިފަދަ ހާދިސާތައް ހުއްޓުވުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމެވެ. އެހެންކަމމުން ޝައްކުކުރެވޭ އެއްވެސް ޙަރަކާތެއް އަދި އެއްވެސް ބަޔަކު ފެނިއްޖެނަމަ ވަގުތުން ފުލުހުންނަށް އެންގުމަކީ ވަރަށް މުހިއްމުކަމެވެ.
ސައިކަލް ރޯކޮށްލި ހާދިސާއާއިގުޅޭގޮތުން މަލާޒް ޒުހުރީ ފޭސްބުކްގައި ލިއުއްވާފައިވާ ލިއުއްވުމާއި ފޮޓޯތައް ތިރީގައި މިވާމިލިންކުން ފެނިވަޑައިގަންނަވާނެ
https://www.facebook.com/share/v/16dzzgZDmH/




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

