އަޅުގަނޑުމެންގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އެންމެ މުހިންމު އެއް ކަމަކީ ރަނގަޅު ޕްލޭނެއްގެ ދަށުން ކުރިއަށް ދިއުމެވެ. އެހެންނަމަވެސް، މިފަދަ ޕްލޭންތައް އެކުލަވާލުމުގައި ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. މީދޫ ލިލީ މަގުގެ ހުޅަނގު ކޮޅުން މުޙައްމަދު ތަކުރުފާނު މަގަށްވާގޮތަށް ވިޔަފާރި ބިމެއް ދޫކުރުމާ ގުޅިގެން މިހާރު ދިމާވެފައިވާ މައްސަލައަކީ މިކަމުގެ ރަނގަޅު މިސާލެކެވެ.
މައްސަލައިގެ ފަސްމަންޒަރު
ކައުންސިލުން އެ ސަރަހައްދުން ވިޔަފާރި ބިމެއް ދޫކުރުމަށްފަހު، އެތަނުގައި މަސައްކަތް ފެށުމާއެކު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް އަދި އޮފީސްތަކަށް މިމައްސަލަ ރިޕޯޓްކޮށް އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ކަންބޮޑުވުންތަކުގެ މައިގަނޑު ސަބަބަކީ އެ ސަރަހައްދުގެ މަންޒަރު ނުވަތަ "ވިއު" ގެއްލިގެން ދިއުމުގެ ބިރެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން، ކައުންސިލުން ވަނީ ބިން ދޫކުރެވުނު ފަރާތަށް މަސައްކަތް ހުއްޓާލުމަށް އަންގާފައެވެ.
ދެފަރާތުގެ ވާހަކަ
މި މައްސަލައިގައި ދެ ފަރާތެއްގެ ޙައްޤުތަކާއި ކަންބޮޑުވުންތައް ހިމެނެއެވެ. އެއް ފަރާތުން، ބައެއް މީހުންގެ ކަންބޮޑުވުމަކީ އެ ސަރަހައްދުގެ ރީތި މަންޒަރު ގެއްލިގެން ދިއުމެވެ. "މިއޮއްރިވެތި މަގި ކެނޑެ ގެއްލޭގޮތަށް މިކަން ކެރުމަކީ ވަރަށް ދެރަވަރޮ ކަމަށް" ސޯޝަލް މީޑިއާގައި މިކަމާ ހިތްހަމަ ނުޖެހިގެން ޚިޔާލުފާޅުކޮށްފައިވާ ފަރާތުން ބުނެފައިވެއެވެ.
އަނެއް ފަރާތްކަމުގައިވާ، ބިން ލިބުނު ފަރާތުން ވަނީ ބޮޑު ޚަރަދުތަކެއް ކޮށް، މަސައްކަތްތަކެއް ފަށާފައެވެ. މި ހިސާބުން މަސައްކަތް ހުއްޓާލަން ޖެހުމަކީ އެ ފަރާތަށް ލިބޭ ބޮޑު ގެއްލުމެކެވެ.
ކުރިމަގުގެ ޕްލޭން
މި މައްސަލައިގައި އިތުރު ސުވާލެއް އުފެދެއެވެ. އެއީ، އެ ސަރަހައްދުގެ ހުޅަނގުން އޮތް މޫދު ސަރަހައްދު ހިއްކައި، ގޯތި ދޫކުރުމަށް ރޭވިފައިވާ ކަމެވެ. މި ޕްލޭން ތަންފީޒުކުރެވިއްޖެނަމަ، މިހާރު ހިމާޔަތްކުރަން މަސައްކަތްކުރާ މަންޒަރު އެއްކޮށް ގެއްލިގެންދާނެއެވެ. އެހެންކަމުން، މިހާރުގެ ހާލަތުގައި އުފެދޭ ސުވާލަކީ: "ވިއު ގެއްލޭނެތީ ބިން ހިއްކައިގެން އެ ސަރަހައްދުން ގޯތިވެސް ދޫނުކޮށް ދޫކޮށްލަން ޖެހެނީތޯ؟"
މި މައްސަލައިން އަޅުގަނޑުމެންނަށް ދަސްވާ މުހިންމު ފިލާވަޅަކީ ރަށުގެ ޕްލޭންތައް އެކުލަވާލުމުގައި ދުރާލާ ވިސްނައި، ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއެކު ނިންމުންތައް ނިންމުމުގެ މުހިންމުކަމެވެ. އެއްވެސް ޕްލޭނެއް ނެތި، ނުވަތަ ރައްޔިތުންގެ ޝަކުވާތަކަށް ކުއްލިއަކަށް އަމަލުކުރަން ޖެހުމުން ދިމާވާނީ މަސްލަހަތު ގެއްލި، ފިތުނަފަސާދަ އުފެދޭ ކަންކަމެވެ. އެހެންކަމުން، ކުރިމަގުގައި މިފަދަ ކަންކަން ނިންމުމުގައި ރަނގަޅު ދިރާސާތަކެއް ކުރުމަށްފަހު، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
ކައްލަބަކަން ބޮޑޮކަމުން ހައްތާއިޔަސް ވޭ ކަންކަން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް