އަތޮޅުމަދަރުސާގެ ޕްރިންސިޕަލްގެ މަޤާމުގައި 16 އަހަރުގެ ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީގެ މުހިންމު މަޤާމަކަށް ބަދަލުވެވަޑައިގަންނަވާ ޕްރިންސިޕަލް އާމިނަތު ޒީނިޔާއަށް، އެ ސްކޫލުގެ ޕްރިފެކްބޯޑްގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މިގޮތުންއަތޮޅުމަދަރުސާގައި ބުރާސްފަތި ދުވަހު ހެނދުނު ބޭއްވުނު ޚާއްޞަ އެސެމްބްލީއަށް ޒީނިޔާ ސްކޫލަށް ވަޑައިގެންނެވީ ސްކޫލުގެ ހަތަރު ކެޕްޓަނުންނާއެކު ޚާއްޞަ ކާރެއްގައެވެ. ސްކޫލުގެ މައި ދޮރާށިން ޒީނިޔާ ވަދެވަޑައިގަތުމާއެކު، ދަރިވަރުންގެ ފަރާތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ހޭޝް އަޅުވައި ޚާއްޞަ ތާޖެއް ޒީނިޔާގެ ބޮލުގައި އެޅުވުނެވެ. އޭގެފަހުން ސްކޫލުގެ ހަތަރު ކެޕްޓަނުންނާއެކު މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ޕްރިންސިޕަލް ޒީނިޔާ ސްކޫލަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުނެވެ. މި ޕްރެޒެންޓޭޝަނުގައި ޒީނިޔާގެ ޒަޢާމަތުގައި ސްކޫލުން ހާސިލުކޮށްފައިވާ އެކިއެކި ކާމިޔާބީތަކާއި، ސްކޫލުގެ ތަރައްޤީއަށް ގެންނެވި ބަދަލުތައް ފާހަގަކޮށްފައިވެއެވެ.
"އަތޮޅުމަދަރުސާއަކީ އަޅުގަނޑުގެ ދެވަނަގެ. މި ސްކޫލުގައި ހޭދަކުރި 16 އަހަރަކީ އަޅުގަނޑުގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް. މި ސްކޫލުގެ ކޮންމެ ދަރިވަރަކީ އަޅުގަނޑުގެ އަމިއްލަ ދަރިއެއް ފަދައިން އަޅުގަނޑު ލޯބިވާ ދަރިވަރުން. އަޅުގަނޑު ރަށުގައިނެތަސް އަތޮޅުމަދަރުސާގެ ތަރައްޤީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަދި ވޭތުވެދިޔަ 16 އަހަރު ދަރިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، ލޯބި ދުވަހަކުވެސް ހަދާން ނުނެތޭނެ . "
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޒީނިޔާ ވިދާޅުވިއެވެ.
މިރަސް މިއްޔާތުގައި ވާހަކަ ދައްކަވަމުން އަތޮޅުމަދަރުސާގެ ވައިސްކެޕްޓަން ވިދާޅުވީ "ޕްރިންސިޕަލް ޒީނިޔާއަކީ ސްކޫލުގެ ތަރައްޤީއަށް ދުވާލަކު 24 ގަޑިއިރު މަސައްކަތް ކުރައްވަމުން އައިސްފައިވާ ބޭފުޅެއްކަމަށާ ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯއްދަވައިދެއްވުމަށް އަބަދުވެސް މަސައްކަތްކުރެއްވި ބޭފުޅެއްކަމަށެވެ. އަދި ޕްރިންސިޕަލެއްގެ ހައިސިއްޔަތުންނާއި މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް މަގުދައްކަވައިދެއްވި ބޭފުޅެއްގެ ގޮތުން ޒީނިޔާ ދެއްވާފައިވާ އިރުޝާދުތަކާއި ނަސޭހަތްތަކަކީ ދަރިވަރުންނަށް ހަދާންނައްތާނުލެވޭނެ އަގުބޮޑު އަމާނާތެއްކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޒީނިޔާއަށް ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ހަނދާނީ ލިޔުމަކާއި ޚާއްޞަ ހަދިޔާއެއް އެރުވުނެވެ. މީގެއިތުރުން، ދަރިވަރުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ޝުކުރުގެ ލަވައެއް ހުށަހެޅުން އޮތެވެ. މިލަވައިގައި ދަރިވަރުންނާއި މުދައްރިސުން ޒީނިޔާއަށް ފޮނުވާ ޝުކުރުގެ މެސެޖުތައް ހިމެނިފައިވެއެވެ.
ޚަބަރާއިގުޅޭފޮޓޯ:ސޯޝަލްމީޑިއާއިން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

