އައްޑޫސިޓީ މީދޫގައި މިހާރު ހިގަމުންދާ ޕޮލިސް ފުޓްސަލް މުބާރާތް 2025 ގައި ރޭ ކުޅެވުނު ދެވަނަ މެޗްގައި 7 ލަނޑު 1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ގޭން ޕޮލިސް ބަލިކޮށް ޕޮއިންޓް ސިސްޓަމަށް ކުޅެވުނު މެޗްތަކުން އެއްވަނަ ހޯދައިގެން ކޮމްބައިންޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅެވުނު މިމެޗްގައި ކޮމްބައިންގެ ޒައިދުﷲ 4 ލަނޑު ، އިބްރާހިމް އަހުމަދު 2 ލަނޑު އަދި މުހައްމަދު މަސްސޫދު އެއްލަނޑު ޖަހާފައިވެއެވެ.
މިމެޗްގައި ގޭން ޕޮލިސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނުޒައިރުއެވެ.
ރޭ ކުޅެވުނު މިމެޗްގައި ގޭން ޕޮލިސް މިހާބޮޑުތަފާތަކުން ބަލިވާން ޖެހުނު އެއްސަބަބަކީ އެޓީމަށް 3 ވަނަ ލިބިގެން ސެމީފައިނަލުން ޖާގަ ލިބޭނެކަން އެޓީމަށް އެގޭތީ އެޓީމަށް ފުލްކޮށް ކުޅޭ ގިން ކުޅުންތެރީން ބެންޗުގައި ބައިތިއްބާފައިވުމެވެ. އެޓީމުގެ ކޯޗިންގ ސްޓާފުންގެ ތެރެއިން މީހެއްގެ ބަސް ނުލިބުނު ކަމުގައިވިޔަސް އެޓީމް މިހާބޮޑުތަފާތަކުން ބަލިވާނެ ޖެހުނީ އެހެންވެގެންކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮންބައިގެން ޒައިދުﷲ އެވެ.
ރޭ ކުޅެވުނު ދެވަނަ މެޗްގައި ހުޅުމީދޫ ޕޮލިސްވަނީ 4 ލަނޑު ދެލަނޑުން ހިތަދޫ ޕޮލިސް ބަލިކޮށްފައެވެ.
މިމެޗްގައި ހުޅުމީދޫ ޕޮލިސްއިން ކާމިޔާބުކުރި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަލީ މުހައްމަދު ، މިފްތާހު، ޝިފާޒު އަދި ގާސިމްއެވެ. ހިތަދޫ ޕޮލިސް ޓީމުގެ ދެލަނޑު ކާމިޔާބުކޮށްދިނީ ހަމްޒަތާއި ޔައިޝްއެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހުޅުމީދޫ ޕޮލިސްގެ އަލީ މުހައްމަދެވެ.

މިމުބާރާތުގައި ޕޮއިންޓް ސިސްޓަމަށް ކުޅެވުނު މެޗްތަކުން ހުޅުމީދޫ ޕޮލިސްއާއި ކޮމްބައިންޓީމު އެއްވަރުވެފައިވިޔަސް ގޯލްގެ ތަފާތުން ކޮމްބައިންޓީމަށް އެއްވަނަ ލިބޭތީ އެޓީމް ވަނީ ފައިނަލަށް ހޮވިފައެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ މެޗްގައި މިރޭ 21:00 ގައި ބައްދަލުކުރާނީ ޕޮއިންޓް ޓޭބަލްގެ ދެވަނައަށް ހޮވުނު ހުޅުމީދޫ އާއި 3 ވަނައަށް ހޮވުނު ގޭން ޕޮލިސްއެވެ.
މިރޭގެ މެޗާއި ބެހޭގޮތުން ނަންހާމަކުރަން ނޭދޭ ހުޅުމީދޫ ކުޅުންތެރިއަކު ބުނީ
" ސެމީފައިނަލްގެ މެޗަކީ ވަރަށް ގޮންޖެހުން ބޮޑު މެޗަކަށްވާނެ. ނަމަވެސް އަޅުގަޑުމެންޓީމުގައިހުރި ގާބިލްކަމާ ތަޖުރިބާ ބޭނުންކޮށްގެން ފައިނަލަށް ދަތުރުކުރޭނެކަމުގެ އުއްމީދު އެބައޮތް "
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

