އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތް 2025 ޖޫން 16 ވަނަ ދުވަހުގެރޭ މީދޫ ޓާފް ދަނޑުގައި ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ކޮމްބައިން އާއި ގޭން ޕޮލިސް އެވެ.
16 ޖޫން 2025 ވަނަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑްކޮމްބައިން އާއި ވާދަކޮށް 5-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ ގޭން ޕޮލިސްއެވެ. މި މެޗުގައި ގޭން ޕޮލިސް ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އިމާހު 3 ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ. އަދި އެޓީމުގެ އަނެއް ދެ ލަނޑު ޖެހީ އަނޫފު އާއި ސަމާއިލެވެ. މިމެޗްގެމޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ގޭންޕޮލިސްޓީމުގެ މުހައްމަދު އިމާހެވެ.
ހަމަ އެރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ކޮމްބައިން ފުޓްބޯޅަ ޓީމާއި ހިތަދޫ ޕޮލިސް އެވެ. މި މެޗު ކޮމްބައިން ފުޓްބޯޅަ ޓީމު ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މި މެޗުގައި ކޮމްބައިން ފުޓްބޯޅަ ޓީމުގެ ދެ ލަނޑު ޖެހީ އިބްރާހިމް އަހުމަދެވެ.މިމެޗްގެމޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮމްބައިން ފުޓްބޯޅަޓީމުގެ އިބްރާހިމް އަހުމަދެވެ.
މި މުބާރާތަކީ އައްޑޫސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ މެދުގައި ބާއްވާ މުބާރާތެއް ކަމަށްވާތީ، މުބާރާތުގެ ސަބަބުން ފުލުހުންގެ މެދުގައި އެކުވެރިކަން އިތުރުވެ، ކުޅިވަރުގެ ރޫހު އާލާވާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މިފަދަ މުބާރާތްތަކުން ފުލުހުންގެ ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ، އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ ރޫހު އާލާވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް