އަޟްޙާ ޢީދު ދުވަހާއި ގުޅިގެން ބޭއްވި ކުޅިވަރު މުބާރާތްތަކުގައި ވަކި ޓީމަކަށް ވަނަ ހޯދައިދިނުމަށްޓަކައި އިންތިޒާމުކުރި ފަރާތްތަކުން ނުފޫޒު ފޯރުވައި، އިންސާފުވެރިކަން ގެއްލިފައިވާކަމަށް ބައެއް ޓީމުތަކުގެ މެންބަރުން ތުހުމަތުކޮށްފިއެވެ. މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތްތަކުން ވަނީ އެފަރާތްތަކުގެ ނަން ހާމަނުކުރުމަށް ޝަރުޠުކޮށްފައެވެ.
ބައެއްޓީމުގެ އޮފިޝަލުންނާއި ހަވާލާދީ ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި، މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން ވަކި ޓީމަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްޓަކައި މުބާރާތް އިންތިޒާމުކުރި ފަރާތުން މަސައްކަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ޓީމުތަކުގެ މެދުގައި ބޭއްވުނު މުބާރާތްތަކުގައި އިންސާފުކުރެއްވި ފަނޑިޔާރުންގެ ނިންމުންތަކުގައި ނުފޫޒު ފޯރުވުން ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި، މި މައްސަލަ ރަސްމީކޮށް ނުޖެއްސީ ރަށުގެ މަޞްލަޙަތަށް އިސްކަންދީގެންނެވެ. އެބޭފުޅާ ވިދާޅުވީ:
" މިއީ އަހަރެމެންގެވެސް ރަށް ، މިގޮތައް އީދު ފާހަގަކުރުމަށް ބޭއްވި މުބާރާތްތަކުގައި އަހަރެމެންވެސް ބައިވެރިވީ ވަރަށް ކުރީއްސުރެން ތައްޔާރުވެގެން . ކުޅިވަރުގެ ރޫހާއި އެއްގޮތައް އިންސާފުވެރިކޮށް ކަންތައްތައް ދާނެކަމަށް ބަލައިގެން. އެހެންނަމަވެސް، އަހަރެމެންނަށް ފެނުނީ ކުޅިވަރުގެ ރޫޙާ ޚިލާފަށް ކަންކަން ހިނގަމުންދިޔަތަން. މިއީ ވަރަށް ހިތާމަހުރި ކަމެއް. ކުޅިވަރުގެ މުބާރާތްތަކުގައި އެންމެ މުހިންމު އެއްކަމަކީ އިންސާފުވެރިކަން. އިންސާފުވެރި ނުވިޔަސް ރަށުގައި ބޭއްވޭ މިފަދަ ކަމެއްގައި މަޞްލަޙަތު ގެއްލުވާލުމަށާއި ހަމަނުޖެހުން އުފެއްދުމަށް އަހަރެމެން ބޭނުމެއް ނުވޭ. މިކަން ބޮޑުކޮށްފިނަމަ ރަށުގެ އެކުވެރިކަމަށް ހީނަރުކަން އަތުވެދާނެ. އެހެންނަމަވެސް، މިކަން ފާހަގަކުރަން ބޭނުންވަނީ މުސްތަޤުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް "
ހުޅުދޫގެ އިސްރަށްވެއްސެއް ކަމަށްވާ މަހުމޫދު (ހަގީގީ ނަމެއް ނޫން) ވިދާޅުވީ:
"ޢީދު ކުޅިވަރުބާއްވަނީ އެކުވެރިކަމާއި އުފާވެރިކަން އިތުރުކުރުމަށް . މިފަދަ ކަންކަމުން ރަށުގެ މަޞްލަޙަތަށް އަސަރުކޮށް، މީހުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެދޭގޮތައް ކަންތައްތައް ކޮށްގެން ނުވާނެ . މުސްތަޤުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރަނގަޅު އުސޫލުތަކެއް ކަނޑައަޅަންޖެހޭ."
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކުރުމާއި މުބާރާތުގައި ހަރަކާތްތެރިވާ ފަނޑިޔާރުންނަކީ މިނިވަން، ތަޖުރިބާކާރު ބަޔަކަށް ހެދުން މުހިއްމެވެ. އަދި މީގެ އިތުރަށް ކުޅިވަރު މުބާރާތްތައް އިންތިޒާމުކުރުމަށް ރަށުގެ ހުރިހާ ފަރާތްތަކުގެ ތާއީދު ލިބިފައިވާ މިނިވަން ކޮމިޓީއެއް އެކުލަވާލުން މުހިއްމެވެ.
އީދު ކުޅިވަރަކީ އެކުވެރިކަމާއި ވާދަވެރިކަން އުފައްދައި، ރަށުގެ ހުރިހާ އުމުރެއްގެ ބަޔަކަށް ބައިވެރިވެވި އެމީހުންގެ ހުނަރުތައް ދައްކާލުމަށް އޮންނަ ކަމެކެވެ. އަދި ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އިތުރުކޮށް، ޢީދުގެ އުފާވެރިކަން ފުރިހަމަކުރުމަށް ބޭއްވޭ ކަންކަމެވެ.
ހުޅުދޫގެ މިފަހަރުގެ ކުޅިވަރު މުބާރާތުގައި ދިމާވި ކަންކަމުން އެނގިގެންދަނީ، މިފަދަ ކަންކަން އިންތިޒާމުކުރުމުގައި ހާމަކަން ބޮޑުކޮށް، އިންސާފުވެރިކަމާއެކު ކަންކަން ކުރުމުގެ މުހިންމުކަމެވެ. ރަށުގެ މަޞްލަޙަތަށްޓަކައި މައްސަލަ ބޮޑުނުކުރި ނަމަވެސް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅަންޖެހޭކަން ފާހަގަކުރެވުނެވެ.
ކުޅިވަރުގެ ރޫޙަކީ ވާދަވެރިކަމާއެކު އެކުވެރިކަން ދަމަހައްޓައި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކުޅެ، ކުޅިވަރުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމެވެ. މިފަދަ ރޫޙެއް ދެމެހެއްޓުމަށްޓަކައި އަހަރެމެން އެންމެން މަސައްކަތްކުރަންޖެހެއެވެ.
މަސްރޭހުން ތިންވަނައަށް ހޮވުނު ޓީމް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް