ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމުގެ ދަށުން، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަކީ ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރަން ޖެހޭ ބައެކެވެ. މި މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރެވެނީ ރައްޔިތުންގެ ބޮޑު އުންމީދުތަކަކާ އެކުގައެވެ.
ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން އެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގަންނަވަނީ ކެމްޕެއިން ދުވަސްވަރު ރައްޔިތުންނަށް ދައްކަވާ އުންމީދީ ވާހަކަތަކާއި، ވެވަޑައިގަންނަވާ ވަޢުދުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުން ކުރާ އިތުބާރެއްގެ ސަބަބުންނެވެ. ރައްޔިތުން ވޯޓު ދިނީ ތިޔަ ބޭފުޅުންގެ ސިޔާސަތުތަކަށް ތާއީދުކޮށް، ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޤަބޫލުކޮށްގެންނެވެ.
މަޤާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށްފަހު، ބައެއް ބޭފުޅުންގެ ފަރާތުން ފެންނަނީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުތަކާ މުޅިން ޚިލާފު އަމަލުތަކެކެވެ. މީގެ ތެރޭގައި:
އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ޒާތީ ގޮތުން ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން.
ކައުންސިލްގެ ރަސްމީ ޖަލްސާތައް ބޮއިކޮޓްކޮށް، އިދާރީ ހިންގުމަށް ހުރަސް އެޅުން.
ލިބިފައިވާ އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ހަމައެކަނި ބަދަލުހިފުމުގެ ރޫޙެއްގައި އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކުރުން.
އިދާރާގެ ސިއްރު މައުލޫމާތުތައް ކަމާނުބެހޭ ފަރާތްތަކަށް ހިއްސާކޮށް، ރަށުތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރުން.
މިފަދަ ކަންކަމުގެ ސަބަބުން ރަށުގެ ތަރައްޤީ މަޑުޖެހި، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، އިންތިޚާބީ މަންދޫބުންނަށް އޮންނަ އިތުބާރު ކެނޑިގެންދެއެވެ.
ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންނަކީ ރައްޔިތުންގެ ޚާދިމުންނެވެ. އެހެންކަމުން، ޒާތީ ތަޢައްޞުބާއި ސިޔާސީ ފިތުނަވެރިކަން އެއްފަރާތްކޮށް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް އިސްކަންދޭންޖެހެއެވެ. މަޤާމުގެ ޒިންމާދާރުކަން އުފުލައި، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން މަސައްކަތް ކުރުމަކީ ރަށުގެ ކުރިއެރުމަށް ކުރެވޭެ މަސައްކަތެވެ. ރައްޔިތުންގެ ފައިސާއާއި ވަގުތު ބޭކާރު ނުކޮށް، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމަށް ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

