ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބްލް މުޙައްމަދު ޞާލިޙްގެ ޚިދުމަތްތަކަކީ ލިޔެވި، ރައްކާކުރެވި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ފަދަ މަތިވެރި ޚިދުމަތްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މުޙައްމަދު ޞާލިޙްގެ އަމިއްލަ ގޯތީގައި އަދި އަމިއްލަ ޚަރަދުގައި ބިނާކުރެއްވި "މަސްޖިދު ޛުލައިޚާ މުޙައްމަދު" ރަސްމީކޮށް ހުޅުވުމަށް އިއްޔެ ސ. ހުޅުދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޝަހީމްގެ ވާހަކަފުޅުގައި، ހުޅުދޫގައި ބިނާކުރެވުނު މި މިސްކިތަކީ ހަމައެކަނި އަޅުކަން ކުރާނެ ބިނާއެއް ނޫން ކަމަށާއި، މިއީ މިއަދުގެ ޒުވާން ޖީލަށް ލިބިގެންދާ ވަރަށް އިބުރަތްތެރި އަދި އަގުހުރި ފިލާވަޅެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، މީހެއްގެ އަމިއްލަ މިލްކިއްޔާތުގައިވާ ގޯއްޗެއް މާތްﷲ އަށްޓަކައި ވަޤުފުކޮށް، އެތަނުގައި މިސްކިތެއް ބިނާކޮށް މުސްލިމުންނަށް ދޫކޮށްލުމަކީ ކޮންމެ ކޮންމެ ނަފްސަކަށް ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ތިމާގެ އަމިއްލަ މުދަލުން ﷲ އަށްޓަކައި ހޭދަކުރުމުގެ މަތިވެރި ނަމޫނާއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރަސޫލާ ﷺ ގެ ޙަދީޘްފުޅަކަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިންސާނާ މަރުވުމަށްފަހު އޭނާއަށް ދެން އޮތް ދުނިޔޭގައި ފައިދާކުރާނޭ ތިން ކަމެއްގެ ތެރެއިން "ދެމިހުރި ޞަދަޤާތް" މި މިސްކިތުން ރަމްޒުކޮށްދޭ ކަމަށެވެ. އަދި މިއީ ދަރިއަކު އޭނާގެ މައިންބަފައިންނަށްޓަކައި ކޮށްދިން ވަރަށް އަގުހުރި ހަދިޔާއެއް ކަމަށާއި، މުދަލާއި ތަނަވަސްކަން ލިބުމުން އެތަކެތި ހެޔޮ ގޮތުގައި ހޭދަކުރާނެ ގޮތުގެ ފުރިހަމަ މިސާލެއް ކަމަށްވެސް ވިދާޅުވިއެވެ.
މުޙައްމަދު ޞާލިޙްގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އެމަނިކުފާނު ގަރުނެއްހާ ދުވަހު ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ދިވެހި ދައުލަތުން ބަލައިގަނެ، "ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް" އަރުވާފައިވަނީ ސަމާސާއަކަށް ނޫންކަން މިކަމުން އެނގިގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން، އައްޑޫ އަތޮޅާއި ހުޅުދޫގެ ރައްޔިތުން އެމަނިކުފާނަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މުޙައްމަދު ޞާލިޙް ކުރައްވާފައިވާ ދީނީ އަދި ޤައުމީ ޚިދުމަތްތަކުގައި ބަރަކާތް ލައްވައި، އެމަނިކުފާނަށް ހެޔޮ ސިއްޙަތާއި އާފިޔަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

