އައްޑޫ މީދޫގައި ކުރިއަށްދާ 'މިނިވަން އުފާ 2026' ގެ ހަރަކާތްތަކުގެ ތެރެއިން ރޭ ކުޅެވުނު ފޯރިގަދަ ފިރިހެނުންގެ ވޮލީ މެޗް މީދޫ ވޮލީ ޓީމުން ކާމިޔާބުކޮށްފިއެވެ.
މީދޫ ކުޅިވަރު އެރީނާގެ ވޮލީ ކޯޓްގައި ކުޅެވުނު މި މެޗް މީދޫ ޓީމުން ކާމިޔާބުކުރީ ހުޅުދޫ ވޮލީ ޓީމާ ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. ދެ ރަށުގެ ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކު ކުރިއަށްދިޔަ މި މެޗުގެ ރެފްރީކަން ކޮށްދެއްވީ ރާއީ އާއި ހަސަން ހަމީދެވެ.
މެޗުގެ ސެޓްތަކަށް ބަލާއިރު، ފުރަތަމަ ސެޓް 25-17 އިން މީދޫ ޓީމް ކާމިޔާބުކުރި ނަމަވެސް، ހުޅުދޫ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 25-19 އިން ދެވަނަ ސެޓް ކާމިޔާބުކޮށްފައެވެ. ނަމަވެސް، މީދޫ ޓީމުން ވަނީ އަލުން މެޗުގެ ކޮންޓްރޯލް ހޯދައި، ޖެހިގެން އައި ދެ ސެޓްވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން ތިންވަނަ ސެޓް 25-19 އިން އަދި ހަތަރުވަނަ ސެޓް 25-21 އިން ކާމިޔާބުކޮށް މީދޫ ޓީމުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
'މިނިވަން އުފާ 2026' ގެ ހަރަކާތްތައް މީދޫގައި ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު، މި ހަރަކާތުގެ ދަށުން ދެން އޮތީ މިރޭ ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތެވެ.
މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މީދޫ ޓާފް ދަނޑުގައެވެ. މި ފުޓްސަލް މުބާރާތަކީވެސް ގިނަ ބައެއްގެ އިންތިޒާރަކަށް ވެފައިވާ، ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

