އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރަނީ މަސައްކަތުގެ މާހައުލުގައެވެ. މަސައްކަތުގެ މާހައުލަކީ ހަމައެކަނި އާމްދަނީ ހޯދާ ތަނެއް ނޫނެވެ. އެއީ އާއިލާއެއް ފަދަ ގާތް ގުޅުންތަކެއް އުފެދިގެންދާ ތަނެކެވެ. މިގޮތުން، އެކުގައި އެއްތަނެއްގައި އިޚްލާޞްތެރިކަމާއެކު ދިހަ ބާރަ އަހަރު މަސައްކަތްކުރާ މުވައްޒަފަކީ އެ މުއައްސަސާއެއްގެ ނުވަތަ މަސައްކަތުގެ މާހައުލުގެ ވަރަށް މުހިންމު ހިއްސާއެއް އަދާކުރާ މީހެކެވެ.
މިފަދަ ގިނަ ދުވަސްވީ މުވައްޒަފަކު ވަޒީފާ ދޫކޮށް، ރަށުން ފުރައިގެން ދާއިރު، އެ މުވައްޒަފަކާއެކު މަސައްކަތްކުރި އެހެން މުވައްޒަފުން އެ މީހަކަށް އަލްވަދާއު ކިޔުމަށް ދިއުމާއި، ހިތްވަރުދީ ހެޔޮ ދުޢާ ފޮނުވުމަކީ އިސްލާމީ ރީތި އަޚުލާޤުގެ ތެރެއިން ހިމެނޭ އަދި ދިވެހިންގެ ތެރޭގައި އޮންނަންޖެހޭ ވަރަށް މަތިވެރި އާދައެކެވެ. މިއީ އެކުގައި ކުރި މަސައްކަތުގެ އަގުވަޒަންކުރުމާއި، އެކަކު އަނެކަކަށް ބަހައްޓާ ލޯތްބާއި އިހްތިރާމް ހާމަކޮށްދޭ ކަމެކެވެ.

ނަމަވެސް، ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ކަމަކީ، މިފަދަ ރީތި އާދަތައް އަޅުގަނޑުމެންގެ މުޖުތަމަޢުން މަޑުމަޑުން ފުހެމުންދާ ކަމެވެ. ގިނަ ފަހަރަށް ފެންނަނީ، އެކުގައި އެތައް އަހަރަކު އުޅުނު މީހަކު ވަކިވެގެންދާއިރު، އެކަމަށް އެދެވޭ ސަމާލުކަމެއް ނުދެވޭ ތަނެވެ. ފަހަރުގައި މިއީ ދިރިއުޅުމުގެ ބުރަކަމާއި، އަމިއްލަ ކަންކަމުގައި މަޝްއޫލުވާ މިންވަރު އިތުރުވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް، މިއީ އެކުގައި މަސައްކަތްކުރި މީހާގެ ހިތުގައި މާޔޫސްކަން އުފެދިދާނެ ކަމެކެވެ.
އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރި މުވައްޒަފަކު ވަކިވެގެންދާއިރު، އޭނާއަށް ހިތްވަރުދީ، ގޮސް ބައްދަލުކޮށް ހެދުމަކީ މަސައްކަތުގެ މާހައުލުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެހެން މުވައްޒަފުންގެ މެދުގައިވެސް އިޚްލާޞްތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަމެކެވެ. މިފަދަ ކަންކަމަކީ އެއްވެސް ޚަރަދަކާ ނުލައި، ހަމައެކަނި ހިތުގެ ސާފުކަމާއި އޯގާތެރިކަމާއެކު ކުރެވިދާނެ ކަންކަމެވެ.
ވީމާ، އަޅުގަނޑުމެންގެ ތެރެއިން މި ގެއްލެމުންދާ ރީތި އާދަ އަލުން ދިރުވައި، އެކުގައި މަސައްކަތްކުރާ މީހުންނަކީ އެކަކު އަނެކަކަށް އަޅާލާ، އިޚްތިރާމްކުރާ ބަޔަކަށް ވާންޖެހެއެވެ. ޚާއްޞަކޮށް، ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްފައި ވަކިވެގެންދާ މީހުންގެ އަގު ވަޒަންކުރުމަކީ އަޅުގަނޑުމެންގެ އަޚުލާޤީ ޒިންމާއެއް ކަމުގައި ދެކެންޖެހެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

