މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ކެންޑިޑޭޓުން، ކާމިޔާބު ހޯއްދަވާ ބޭފުޅުންނާއެކު ގުޅިގެން މަސައްކަތްކޮށް، ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ދެއްކުމަށް އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) އިލްތިމާސްކުރައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޣަފޫރު ވަނީ، ހުރިހާ ކެންޑިޑޭޓުންނާއި މެންބަރުންވެސް މި އިންތިޚާބަކީ ސުލްހަވެރި އަދި އަމާންކަމާއެކު ކުރިއަށްދާ ހަރަކާތަކަށް ހެދުމަށް ބާރުއަޅުއްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވޯޓުލުން ނިމުމާއެކު އިދާރީ މަރުހަލާތައް ފުރިހަމަކޮށް، ވޯޓު ގުނުމުގެ މަސައްކަތް ވަގުތުން ފެށޭނެއެވެ. އަދި އެއްވެސް ހުރަހެއް ކުރިމަތިނުވާނަމަ، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވޯޓު ގުނައި ނިންމައި، ވަގުތީ ނަތީޖާ އިޢުލާނު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ރައްޔިތުން އެމްޑީޕީގެ "ތިލަފަތަށް" ވޯޓު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އެމްޑީޕީގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް ވަރުގަދަކުރުންކަން ފާހަގަކުރައްވައި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާއި އަމަލުތަކާމެދު ފުންކޮށް ވިސްނުމަށް އޭނާ ރައްޔިތުންނަށް ގޮވައިލެއްވިއެވެ. އަދި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ކަންކަން ބަދަލުވަމުންދާ ގޮތް ދެނެގަނެ، މި އިންތިޚާބުގައި އެމްޑީޕީއަށް ފުރުސަތު ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ. މި އިންތިޚާބުގައި 150 އަށްވުރެ ގިނަ ކެންޑިޑޭޓުން އެކި މަގާމުތަކަށް ވާދަކުރައްވަމުން ގެންދަވައެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

