އައްޑޫސިޓީ މީދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން މީދޫ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިގޮތުން މިދިޔަ ހުކުރު ދުވަހު ހެދުނު 6:00 އިން 8:00 އަށް މީދޫ ހާޓް ޕާކް ސަރަހައްދުން ފަށައިގެން ޖިއޯބޭގް ޖެހި ސަރަހައްދާއި ހަމައަށް ވަނީ ސާފުކޮށްފައެވެ. ސާފުކުރުމުގެ މިމަސައްކަތުގައި ކައުންސިރަލު ސޯލިހާއާއި ކައުންސިލްގެ މުވައްޒަފުންގެ އިތުރަށް މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްސަސާތަކުގެ މުވައްޒަފުންގެ އިތުރަށް ރަށުގެ ގިނައަދަދެއްގެ ރައްޔިތުންވެސް ބައިވެރިވިއެވެ.
މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ މުމްތާޒު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި މަސައްކަތުގެ ދަށުން ގިނައަދަދެއްގެ ޕްލާސްޓިކް ފަދަތަކެތި ހިމެނޭ ކުނިނެގިފައިވާއިރު، ގިނައިން ނެގިފައިވަނީ ގޮނޑުދޮށަށް ލައްގާފައިވާ ކުނި ކަމަށެވެ.
މާނާ ވިދާޅުވީ މިފަދަ ކޮމިއުނިޓީ އިވެންޓް ތަކުގައި އަބަދުވެސް ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަމަށާއި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުވެރިވާކަމަށްވެސް މާނާވިދާޅުވިއެވެ.
އަދި މިފަދަ އިވެންޓްތައް ކުރިއަށް އޮތްތާނގައި ކާމިޔާބުކަމާއެކު ބޭއްވޭނެ ކަމަށް އުންމީދުކުރަމުން މީދޫ އަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ފާހަގަވެފައިވާ ފާހަގަވުންދެމެހެއްޓުމަށްޓަކައި ރައްޔިތުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް މަސައްކަތްކޮށްދެއްވުމަށް މާނާ އިލްތިމާސްކޮށްފައިވެއެވެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

