“ އައްޑޫސިޓީގެ ހުޅުދޫއަކީ 5000 އަށްވުރެ ގިނަ އާބާދީއެއް ރަޖިސްޓްރީވެފައިވާ ރަށެއް. އެހެންނަމަވެސް، މިއަދު ރަށުގައި ދިރިއުޅެނީ 1000 މީހުންނަށްވުރެ މަދު އަދަދެއް . މިގޮތަށް ރަށުގައި އުޅޭ މީހުން މަދުވެފައިވަނީ އެންމެ އަސާސީ ޚިދުމަތްތައްވެސް ރަށުން ނުލިބި ރައްޔިތުން މާލެއަށް ހިޖުރަކުރަން މަޖުބޫރުވުމުން "
ހުޅުދޫގެ ކުރީގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވެއެވެ.
ޝުކުރީ ފާހަގަކުރައްވާފައިވާ ގޮތުގައި ހުޅުދޫގެ ގިނަ ރައްޔިތުން މާލެއަށް ހިޖުރަކޮށް، މާލޭގެ ދަފުތަރުގައި ނަން ޖައްސާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ. މިގޮތައް ދަފުތަރުގައި ޖައްސަން ޖެހޭ އެއް ސަބަބަކީ މާލޭގައި ދިރިއުޅުމުން ލިބޭ ޚިދުމަތްތަކާއި ފުރުޞަތުތައް އިތުރުވުމެވެ. ޚާއްޞަކޮށް ދަރިންގެ ތަޢުލީމަށް ފުރުޞަތު ހޯދުމަށްޓަކައި ގިނަ ބަޔަކު މާލެއަށް ހިޖުރަކުރަންޖެހޭކަމަށް ޝުކުރީވަނީ ފާހަގަކުރައްވާފައެވެ.
ޝުކުރީގެ ލިޔުމުގައި ފާހަގަކުރައްވާފައިވާ އަނެއް މުހިންމު ނުކުތާއަކީ އައްޑޫސިޓީއެއްގެ ގޮތުގައި ހެދުމުން ދިމާވެފައިވާ ދަތިތަކެވެ. އޭނާ ވިދާޅުވާގޮތުގައި، އައްޑޫސިޓީ އުފެދުމާއެކު، ހުޅުދޫގެ ރައްޔިތުންނަށް "ވަކި ބަޔެއްގެ ދަށުވެ މިނިވަންކަން ގެއްލުމާއި ސަލާމް ޖަހަން މަޖުބޫރުވުން" ވަނީ ކުރިމަތިވެފައެވެ.
އައްޑޫސިޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ހުޅުދޫގެ ރައްޔިތުންނަށް ނިންމުންތައް ނިންމުމުގެ ބާރު ކުޑަވެފައިވާކަން ޝުކުރީ ވަނީ ފާހަގަކުރައްވައެވެ. ކުރިން ހުޅުދޫއަކީ ވަކި ރަށެއްގެ ގޮތުގައި އޮތްއިރު، ރަށުގެ ކަންކަން ނިންމުމުގައި ރަށު އޮފީހުގެ ނިންމުމާ ރަށްޔިތުންގެ ބައިވެރިވުން ބޮޑުކަމަށާއި، މިހާރު ސިޓީގެ ތެރެއިން ރަށުގެ އަމިއްލަވަންތަކަން ގެއްލި، ބައެއް ކަންކަމުގައި "ސަލާމް ޖަހަން" މަޖުބޫރުވާކަމަށް ޝުކުރީ ވިދާޅުވެފައިވެއެވެ.
ހުޅުދޫގެ ކުރީގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކަކީ ހަމައެކަނި ހުޅުދޫއަށް ޚާއްޞަވާ ކަންތައްތަކެއް ނޫނެވެ. ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައިވެސް މިފަދަ ކަންތައްތައް ފެންނަމުންދެއެވެ. އަތޮޅުތަކުގެ އާބާދީ މާލެއަށް ހިޖުރަކުރުމުގެ މައްސަލައަކީ ޤައުމީ ފެންވަރުގައި ޙައްލުކުރަންޖެހޭ މައްސަލައެކެވެ.
ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަކީ ރަށްރަށުގެ އާބާދީ ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެވެ. އެހެންނޫންނަމަ، ހުޅުދޫގައި ދިމާވެފައިވާ ޙާލަތު އެހެން ރަށްރަށުގައިވެސް ތަކުރާރުވާނެކަމީ ޝައްކެއްނެތް ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

