ކުޑަކުދިންނާއި މިސްކިތާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެ ގުޅުން ދެމެހެއްޓުމުގެ މަތިވެރި މަގުސަދުގައި ސ. މީދޫގައި ކުރިއަށްގެންދާ "މަސްޖިދު ލީގު" ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މަސްޖިދުލް އިބްރާހިމް މަޖުދުއްދީން ކާމިޔާބުކޮށްފިއެވެ.
މީދޫ އަވަށު އޮފީހާއި ރަށުގެ ހެޔޮއެދޭ ފަރާތްތަކާއި އައްޝެއިޚް މުހައްމަދު ޠައްޔިބު ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހުކުރު ދުވަހު ކުޅެވުނު ފޯރިގަދަ މެޗު މަސްޖިދުލް އިބްރާހިމް މަޖުދުއްދީން ކާމިޔާބުކުރީ މަސްޖިދު ހުސެންއަލީގެ ޓީމާ ވާދަކޮށް 5 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި މަސްޖިދުލް އިބްރާހިމް މަޖުދުއްދީން ބައްދަލުކުރާނީ މާމިސްކިތް ޓީމާއެވެ.
ލީގު އުސޫލުން ޖުމްލަ 3 ޓީމު ވާދަކުރި މި މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝެއިޚް މުހައްމަދު ޠައްޔިބު ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުދިން އެންމެ ޝައުގުވެރިވާ ކުޅިވަރުގެ ވަސީލަތް ބޭނުންކޮށްގެން، ފުޓުބޯޅައިގެ ތެރެއިން ދީނީ ކަންކަމަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުން ކަމަށެވެ.
ޝެއިޚް ޠައްޔިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، "މަސްޖިދު ލީގު" ގެ ހަރަކާތްތައް ބައްޓަންކުރެވިފައިވަނީ ހަމައެކަނި ކުޅިވަރަކަށް ނޫނެވެ. މި ލީގުގައި ބައިވެރިވާ ކޮންމެ ކުއްޖަކީވެސް ފަސް ވަގުތު ނަމާދުކުރާ ކުއްޖަކަށްވުމަކީ މުބާރާތުގައި ބައިވެރިވުމުގެ އަސާސީ ޝަރުޠެކެވެ. މީގެ އިތުރުން، ކުދިންގެ އަޚްލާގީ މިންގަނޑު ހަރުދަނާކުރުމަށްޓަކައި ކޮންމެ ހަފުތާއަކު އެއްދުވަހު މިސްކިތުގައި ހާއްސަ ދީނީ ކްލާސްތަކެއްވެސް ކުރިއަށްދާކަމަށް ޝެއިޚް ވިދާޅުވިއެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ސ. މީދޫ އަވަށު އޮފީހުގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝެއިޚް ވަނީ އެ އޮފީހަށް ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، މިސްކިތްތަކަށް އަހުލުވެރި ޖީލެއް ބިނާވުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނެ ތާރީޚެއް ވަރަށް އަވަހަށް ނިންމައި ޓީމުތަކަށް އަންގާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

