މެޗުގެ 78 ވަނަ މިނެޓުގައި މާނޭ ކާމިޔާބުކޮށްދިން ލަނޑާއެކު، މިސްރުގެ މައްޗަށް 1-0 އިން ކުރިހޯދައި ސެނެގާލް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މޮރޮކޯގެ ޓެންޖިއާ ގްރޭންޑް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ ސެމީ ފައިނަލް މެޗުގައި ސެނެގާލަށް މެޗުގެ ނަތީޖާ އަނބުރާލަދިނީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ސާޑިއޯ މާނޭއެވެ. ލަމީން ކަމާރާ ފޮނުވާލި ހަމަލާއެއް މިސްރުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުމުން، މާނޭ ވަނީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ލަނޑު ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބީއާއެކު ސެނެގާލްގެ ފައިނަލަށް ދަތުރު ކުރިނަމަވެސް އެ ޓީމަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ ޓީމުގެ ކެޕްޓަން ކަލިދޫ ކުލިބާލީއަށް ދެއްކި ރީނދޫ ކާޑަކާ ގުޅިގެން ފައިނަލް މެޗުގައި އޭނާއަށް ނުކުޅެވޭނެތީއެވެ. މީގެ އިތުރުން މެޗުގެ 23 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން އޭނާ ވަނީ ދަނޑުން ބާލާފައެވެ.
މެޗުގެ ތެރޭގައި މިސްރުގެ ތަރި މުހައްމަދު ސަލާހު، އޭނާގެ ކުރީގެ ޓީމްގެ މާނޭއަށް ކުރި ފައުލަކާ ގުޅިގެން މަސްލަހަތު ގޯސްވިއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ސެނެގާލްގެ ހަބީބް ދިއާރާއަށް ދެއްކި ރީނދޫ ކާޑާއެކު، އޭނާއަށް ވެސް ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ.
މުޅި މެޗަށް ބަލާއިރު ސެނެގާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، މިސްރުގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެ ޓީމަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. މެޗުގެ ފަހު ވަގުތު މިސްރުން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ސެނެގާލުން ވަނީ މެޗުގެ ނަތީޖާ ދަމަހައްޓައި ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

