އައްޑޫ މީދޫގެ ތަޢުލީމީ ޙަޔާތުގެ ތާރީޚީ ޞަފްޙާތަކަށް ފުންކޮށް ނަޒަރު ހިންގައިލާއިރު، އެ ރަށުގެ ދަރިންނަށް ތަޢުލީމުގެ އަލިކަން ފޯރުކޮށްދެއްވުމުގައި ޤުރުބާންވެވަޑައިގެންނެވި އެއް ޝަޚްޞިއްޔަތަކީ "އަލްމަރުޙޫމް މުޙައްމަދު މަޖީދެވެ" . ދަތި އުނދަގޫ ޒަމާނެއްގައި މީދޫ ސްކޫލް ބިނާކުރައްވައި، ސްކޫލް ހިންގެވުމުގައި އެމަނިކުފާނު އަދާކުރެއްވި މަތިވެރި ދައުރާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއަކީ މިއަދުގެ ޖީލުތަކަށް ދޫކުރައްވައި ދިޔަ ޢިބްރަތްތެރި، އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެކެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގައި ޒަމާނީ ތަޢުލީމުގެ ނިޒާމު މުޅިން އާލާނުވެ، ވަސީލަތްތައް ނުހަނު މަދު ދުވަސްވަރެއްގައި
މީދޫގެ ކިޔަވައިދިނުމުގެ ބިންގާ އެޅުމުގެ ޒިންމާއާ މުޙައްމަދު މަޖީދު ހަވާލުވެވަޑައިގަތީ އަމިއްލަ އެދުމެއް ނެތި ޤައުމީ ރޫޙެއްގައެވެ. އޭރު ސަރުކާރުން ރަށްރަށުގެ ތަޢުލީމަށް މާބޮޑު ބަޖެޓެއް ނުވަތަ ވަސީލަތެއް ދެވެން ނެތް ޙާލަތުގައި، މިދޫގައި ތައުލީމީ ހޭލުންތެރި ޖީލެއް ބިނާކުރުމަކީ ބޮޑު ގޮންޖެހުމަކަށް އޮތީ ވެފައެވެ. އެހެންނަމަވެސް، އެމަނިކުފާނު ދެކެވަޑައިގަތީ ތަޢުލީމަކީ ކޮންމެ މުޖުތަމަޢެއްގެވެސް ކުރިއެރުމުގެ މައިބަދަ ކަމަށާއި، ކޮންމެފަދަ ޤުރުބާނީއެއް ވެގެންވެސް މީދޫގައި ތައުލީމު ފަތުރަންޖެހޭނެ ކަމަށެވެ.
މިއަދު މީދޫގައި ޝަރީފީ ޕްރީސްކޫލްގެ ގޮތުގައި ބޭނުންކުރަމުންދާ ޢިމާރާތަކީ އަލްމަރުޙޫމް މުޙައްމަދު މަޖީދުގެ ހިންމަތާއި މިންނަތުގެ ދިރިހުރި އެންމެ ބޮޑު އެއް ހެކި ކަމުގައި ރަށުގެ ދުވަސްވީ މީހުން ހެކިދެއެވެ. އެ ޒަމާނުގައި ޢިމާރާތް ކުރުމުގެ ސާމާނު ހޯދުމަކީ އިންތިހާއަށް އުނދަގޫ ކަމަކަށް ވީއިރު، އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންނާއި، ސްކޫލުގެ ދަރިވަރުންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތައް އެއްބައިވަންތަކުރައްވައިގެން ޢިމާރާތް އެޅުމުގެ މަސައްކަތްކޮށްފައެވެ. އެ ދުވަސްވަރު ދުށް ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވާގޮތުގައި މިއީ ހަމައެކަނި ޢިމާރާތެއް ބިނާކުރުމެއް ނޫން ކަމަށާއި، މިއީ މުޅި މުޖުތަމަޢުގައި ތަޢުލީމަށް އޮތް ލޯބި އަށަގެންނެވުމަށް ކުރެއްވި ވަރުގަދަ ޖިހާދެކެވެ.
މީދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމާއި މުދައްރިސެއްގެ މަޤާމު އެއްފަހަރާ ފުރުއްވަމުން، އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ އުޞޫލުތަކަކީ ދަރިވަރުންގެ އަޚްލާޤާއި ތަޢުލީމީ ފެންވަރު މަތިކުރުމަށް އެޅުނު ވަރުގަދަ ބާރެކެވެ. ވަސީލަތްތައް ނެތް މާޙައުލެއްގައިވެސް ދަރިވަރުންނަށް އުނގަންނައިދެއްވުމުގައި އެމަނިކުފާނު ދެއްކެވި ފަންނުވެރިކަމަކީ ބަޔާންކުރަން ދަތި ލާމަސީލު މިސާލެކެވެ. އެ ކުދިންނަށް އޯގާތެރިކަމާއެކު ކަންކަން ވިސްނައިދެއްވުމުގެ އިތުރުން، ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަންވެސް އަމަލީ ގޮތުން ދަސްކޮށްދެއްވިއެވެ.
އެ ދުވަސްވަރު މުޙައްމަދު މަޖީދުގެ ބެއްލެވުމުގެ ދަށުން މީދޫ ސްކޫލުން ތަޢުލީމު ޙާޞިލުކުރި އެތައް ދަރިވަރުންނެއް މިއަދު ވަނީ ޤައުމުގެ އެކި ދާއިރާތަކުން މަތީ ފަންތިއަށް ވާޞިލުވެފައެވެ. ދަޢުލަތުގެ އިސް މަޤާމުތަކާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގެ އިތުރުން ވިޔަފާރީގެ މައިދާނުގައި މިއަދު ފާހަގަކޮށްލެވޭ އެތައް ދަރިންނަކީ އެމަނިކުފާނު އޭރު ބިނާކުރެއްވި ބިންގަލުގެ ހެޔޮ ނަތީޖާއެވެ. އެ ދަރިވަރުން މިއަދުވެސް ހެކިދޭ ގޮތުގައި، އެމީހުންގެ ޙަޔާތުގެ ކާމިޔާބީގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ސިކުނޑި ހުޅުވައިދެއްވި އުސްތާޛަކީ މުޙައްމަދު މަޖީދެވެ. އެހެންކަމުން މީދޫގެ ތާރީޚުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ ހަމައެކަނި ޒަމާނެއްގެ ވާހަކައެއް ނޫން ކަމަށާއި، އެއީ މިއަދުގެ މުޖުތަމަޢުގެ ބިންގާ ކަމުގައި ޤަބޫލުކުރަންޖެހެއެވެ.
މިފަދަ މިންނެތް މަސައްކަތްޕުޅުތަކަކުން ރަށުގެ މުސްތަޤުބަލު އުޖާލާކޮށްދެއްވުމަށް ރެޔާއި ދުވާލު ދާ އޮހޮރުއްވި ނަމަވެސް، ތާރީޚުގެ ސޮފްޙާތަކުން ފެންނަން އޮތީ މިފަދަ އިޚްލާޞްތެރި ޚިދުމަތްތެރިންނަށް އަބަދުވެސް ދިމާވާ ހިތްދަތި އިމްތިޙާނުތަކާއި ހުރަސްތަކެވެ. ތަޢުލީމީ ދަންމަރު ރޯކުރައްވަން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުގެ އަގު އެންމެ ފުރިހަމައަށް ލިބުމުގެ ބަދަލުގައި، ކުރިމަތިލައްވަން ޖެހިވަޑައިގަތީ ދުވަހަކުވެސް ހިތަށް ނާރާފަދަ ހިތި ތަޖުރިބާތަކަކާއެވެ.
އެއްވެސް މުޖުތަމަޢެއްގައި ބަދަލަކަށް މަސައްކަތްކުރާ އިޞްލާޙީ ޚިދުމަތްތެރިންނަށް އެކި ގޮތްގޮތުން ދިމާވާ ދެކޮޅުވެރިކަމާއި ޙަސަދަވެރިކަމަކީ ތާރީޚުގައި ތަކުރާރުވަމުން އަންނަ ހިތާމަވެރި ޙަޤީޤަތެކެވެ. މުޙައްމަދު މަޖީދުގެ އިޚްލާޞްތެރި މަސައްކަތްޕުޅުތަކާއި، ރައްޔިތުންގެ މެދުގައި މަޖީދަށް ލިބިވަޑައިގެންނެވި ޤަދަރާއި އިޙްތިރާމުގެ ސަބަބުން، އޭރުގެ ބައެއް ފަރާތްތަކުގެ ޙަސަދަވެރިކަން އެމަނިކުފާނަށް އަމާޒުވިއެވެ. ރަށުގެ ތަޢުލީމީ ހޭލުންތެރިކަން އިތުރުވެ، ދަރިވަރުންގެ ކުރިއެރުމަށް މަގުފަހިވަމުން ދިޔަ ދަނޑިވަޅުގައި، ބައެއް ނުފޫޒުގަދަ ފަރާތްތަކުން ރޭވި ދަށުދަރަޖައިގެ ރޭވުންތަކެއްގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް ދޮގު އިލްޒާމުތަކެއް އެޅުވުނެވެ. މި ނުޙައްޤު ތުހުމަތުތަކުގެ ސަބަބުން އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ބަދަލުވެގެންދިޔަ ހިތްދަތި ޞަފްޙާތަކެއް ފެށިގެންދިޔައެވެ.
އޭރުގެ ސިޔާސީ އަދި އިދާރީ ނިޒާމުގެ ތެރެއިން ހިންގުނު ބޭއިންޞާފު ޝަރީޢަތްތަކަކަށްފަހު، މުޙައްމަދު މަޖީދު އަމިއްލަ ވަޒަނުން ބޭރުކޮށް، އެހެން ރަށަކަށް އަރުވައިލުމަށް ޙުކުމްކުރެވުނެވެ. މިއީ އެމަނިކުފާނު އަމިއްލަ ލެޔާއި ދަލުން ބިނާކުރެއްވި ސްކޫލާއި، ލޯބިވާ ދަރިވަރުންނާއި، ޢާއިލާއާ މުޅިން ވަކިވާން ޖެހުނު އިންތިހާ ދަރަޖައިގެ އަނިޔާވެރި ނިންމުމެކެވެ. އަރުވާލެވިފައި ހުންނެވި ދިގު މުއްދަތުގެ ތެރޭގައި އެމަނިކުފާނު ތަޙައްމަލު ކުރެއްވި ނަފްސާނީ އަދި ޖިސްމާނީ ތަކުލީފުތަކަކީ ބަޔާންކުރަންވެސް ދަތި ހިތާމަވެރި ކަންކަމެވެ. އެހެންނަމަވެސް، މި ހުރިހާ އަނިޔާއަކާއި ބޭއިންޞާފެއްގެ ކުރިމަތީގައިވެސް އެމަނިކުފާނު ދެއްކެވީ އިސްލާމީ މަތިވެރި އަޚްލާޤާއި، އާދަޔާޚިލާފު ކެތްތެރިކަމެކެވެ.
އަމިއްލަ ވަޒަނުން ދުރުގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް، ކިޔަވައިދިނުމަށާއި ޢިލްމު ފެތުރުމަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޚާލިޞް ލޯތްބަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. އަރުވާލެވިފައި ހުންނެވި ރަށުގައިވެސް އެ ރަށެއްގެ ކުދިންނަށް އުނގަންނައިދެއްވުމާއި، ހެޔޮ މަގު ދެއްކެވުމުގައި އެމަނިކުފާނުގެ އަގުހުރި ވަގުތުތައް ހޭދަކުރެއްވި ކަމަށް އެރަށުގެ ދުވަސްވީ މީހުން ހެކިދެއެވެ. ބަދަލުހިފުމުގެ ރޫޙެއް ނެތި، ތަޤްދީރުގެ ނިޔާއަށް ކިޔަމަންވެވަޑައިގެން، މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި ދެމިހުންނެވިކަމީ އެމަނިކުފާނުގެ މާތް ޝަޚްޞިއްޔަތު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި އިސްއުފުލައި، އަނިޔާ ދިން ފަރާތްތަކަށްވެސް މަޢާފުކުރެއްވި މިސާލަކީ މަޖީދުގެ މާތް ސިފައެކެވެ.
އޭރުގެ ކަންކަން ވަރަށް ގާތުން ދުށް މީދޫގެ އިސްރަށްވެހިން ބަޔާންކުރާ ގޮތުގައި، މުޙައްމަދު މަޖީދަށް ދެވުނު ނުޙައްޤު އަނިޔާއަކީ މުޅި މީދޫގެ ތަޢުލީމީ ކުރިއެރުމަށް އެޅުނު އެންމެ ބޮޑު ހިޔަންޏެވެ. އެމަނިކުފާނު ރަށުގައި ހުންނެވި ނަމަ، އެ ޒަމާނުގައި މީދޫގެ ތަޢުލީމީ ނިޒާމު އިތުރު ހަރުފަތްތަކަކަށް ގެންދެވުނީސް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންނަމަވެސް، ތާރީޚުގެ އޮއިވަރު ހިނގައިދިޔަ ގޮތުން، އެމަނިކުފާނުގެ ޚިދުމަތުން ރަށް މަޙްރޫމްވި ނަމަވެސް، އެމަނިކުފާނު ދޫކުރެއްވި ތަޢުލީމީ ވިސްނުމާއި ފިކުރު އެ ރަށުގެ ދަރިންގެ ހިތްތަކުން ފޮހެލުމުގައި ޙަސަދަވެރިންވީ ނާކާމިޔާބެވެ.
މި ހިތްދަތި ތަޖުރިބާތަކަށްފަހު، ޒަމާންތަކެއް ފަހުން އެމަނިކުފާނު އަނބުރާ ރަށަށް ވަޑައިގެންނެވިއިރުވެސް، ރަށުގެ ތަޢުލީމީ ކަންކަމަށް އޮތް ޝައުޤުވެރިކަން ކުޑައެއް ނުވެއެވެ. ނަމަވެސް، ދުވަސްތައް ފާއިތުވެ، ނިޒާމުތައް ބަދަލުވަމުން ދިޔަވަރަކަށް މިފަދަ ޤައުމީ ޚިދުމަތްތެރިންގެ މަތިން ހަނދާން ނައްތައިލުމުގެ ނުރައްކާތެރި އާދަ މުޖުތަމަޢުގެ ތެރެއަށް ވަންނަން ފެށިއެވެ.
ޒަމާނަށް އައި ބަދަލުތަކާއެކު މީދޫ ސްކޫލް އުވާލައި، އެތަނުގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ ދަރިވަރުންނާއި މުދައްރިސުން އައްޑޫ އަތޮޅު މަދަރުސާއަށް ބަދަލުކުރެވުނު ހިސާބުން ތާރީޚީ ބޮޑު ބަދަލެއް އައެވެ. ސްކޫލްތައް އެއްކޮށްލެވި، ޒަމާނީ ވަސީލަތްތަކާއެކު އައު ޢިމާރާތްތަކުގައި ކިޔަވައިދޭން ފެށުނު ނަމަވެސް، އެ ބިންގާ އެޅުމުގައި އަމިއްލަ ފުރާނައިން ޤުރުބާންވި މުޙައްމަދު މަޖީދު ފަދަ ބޭފުޅުންގެ ޒިކުރާ އާކުރުމުގައި އިދާރީ ގޮތުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ. ސްކޫލުގެ މެނޭޖްމެންޓްތަކުންނާއި ކަމާބެހޭ ފަރާތްތަކުން، ރަށުގެ ތަޢުލީމީ އެއް ބާނީގެ ނަންފުޅު ދިރުވައި، އަންނަން އޮތް ޖީލުތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާކަމީ މިއަދު ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.
ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހަކީ މިފަދަ އިޚްލާޞްތެރި، މަތިވެރި މުދައްރިސުންގެ މަތިން ހަނދާން އާކުރަން ލިބޭ އެންމެ އަގުހުރި ފުރުޞަތެވެ. ހަމައެކަނި ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދޭ ޓީޗަރުންގެ އަގުވަޒަންކުރުމުގެ އިތުރުން، ބުރަ މަސައްކަތުން ތަޢުލީމީ ބިންގާ އަޅައިދިން އެދުރުންގެ ޒިކުރާ އާކުރުމަކީ މުއައްސަސާތަކުގެ މައްޗަށް އޮތް ލާޒިމެކެވެ. އަތޮޅު މަދަރުސާ ފަދަ ތަޢުލީމީ މަރުކަޒުތަކުން މުޙައްމަދު މަޖީދުގެ ނަންފުޅުގައި އަހަރީ އެވޯޑެއް ތަޢާރަފުކުރުމަކީ އެމަނިކުފާނުގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އިންސާނީ ތަބީޢަތަކީ ދުނިޔެ ދޫކޮށްދާ ޚިދުމަތްތެރިންގެ މަތިން ވަރަށް ފަސޭހައިން ހަނދާންނައްތައިލުން ކަމުގައި ވީނަމަވެސް، ތާރީޚު ލިޔެވި ރައްކާކުރެވެންޖެހޭނީ އިންޞާފުވެރިކަމާއެކުގައެވެ. މީދޫގެ ތާރީޚު ލިޔުންތެރިންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން އަލްމަރުޙޫމް މުޙައްމަދު މަޖީދުގެ ޙަޔާތްޕުޅާއި ޚިދުމަތްތަކާ ގުޅޭ ދިރާސީ މަޢުލޫމާތު އެއްކޮށް، ފޮތެއްގެ ސިފައިގައި ޝާއިޢުކުރުމަކީ މުސްތަޤުބަލުގެ ދަރިންނަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ޤުރުބާނީގެ ޙަޤީޤީ މަޢުލޫމާތު މިއަދުގެ ޒުވާނުންނަށް އެނގިގެން މެނުވީ، މިއަދު އެ ލިބޭ ތަޢުލީމީ ފަސޭހަތަކުގެ އަގު ވަޒަންކުރާކަށް ނޭނގޭނެއެވެ.
މީދޫގެ އިޖުތިމާޢީ އަދި ތަޢުލީމީ ވެށީގައި އަލްމަރުޙޫމް މުޙައްމަދު މަޖީދުގެ ނަންފުޅަކީ ރަން އަކުރުން ފެވިގެންވާ، ދުވަހަކުވެސް ފޮހެވިގެން ގޮސްގެންވާނެ ނަމެއް ނޫނެވެ. އެމަނިކުފާނު ދެއްކެވި ސާބިތުކަމާއި، ވަފާތެރިކަމާއި، ޤައުމީ ޚިދުމަތުގެ ރޫޙަކީ މިއަދުގެ ޓީޗަރުންނާއި ދަރިވަރުންވެސް ނަމޫނާއަކަށް ބަލަންޖެހޭ މަތިވެރި ސިފަތަކެކެވެ. ދަތި އުނދަގޫ ޙާލަތްތަކުގައިވެސް އުންމީދު ގެއްލުވައިނުލައި، މުޖުތަމަޢު ބިނާކުރުމުގައި ދެމިހުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ޙަޔާތްޕުޅުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
އަލްމަރުޙޫމް މުޙައްމަދު މަޖީދަކީ އައްޑޫ މީދޫގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އަޅުއްވައިދެއްވި ހަޤީޤީ ބަޠަލެކެވެ. އެހެންކަމުން، އެ މަތިވެރި ޚިދުމަތްތެރިޔާގެ ހަނދާންތައް ދިރުވައި، އެ ޒިކުރާ އާކުރުމަކީ މުޅި މީދޫގެ ރައްޔިތުންގެ މައްޗަށް އޮތް ތާރީޚީ އަދި އަޚްލާޤީ ވާޖިބެކެވެ. މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

