ކޮންމެ ގައުމެއްގައިވެސް އަންނަން އޮތް ޖީލު ބިނާކުރުމަކީ އެ ގައުމެއްގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓެވެ. ކުޑަކުދިންނާއި ޒުވާނުންނަށް އެކި ދާއިރާތަކުން ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަކީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމެއް ނޫނެވެ. އެއީ އެކުދިންގެ ޝަހުސިއްޔަތު ބިނާކޮށް، ގައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށް ކުރެވޭ މަތިވެރި މަސައްކަތެކެވެ.

މިހާރަކަށް އައިސް ތަމްރީނު ދިނުމުގެ ދާއިރާއަކީ ވަރަށް ބޮޑަށް ފުޅާވެފައިވާ ދާއިރާއެކެވެ. ނަމަވެސް، މި މަސައްކަތުގެ ތެރެއަށް ވިޔަފާރީގެ ވިސްނުމާއި ދެއްކުންތެރިކަން ވަދެ، ހަމައެކަނި މާލީ ފައިދާއަށް އިސްކަންދެވޭ މަންޒަރު ދަނީ ފެންނަމުންނެވެ. ކުދިބަޔަކަށް ތަމްރީނު ދިނުމުގައި ގެންގުޅުއްވާ އުސޫލަކީ ވިޔަފާރި ކުރުމާއި ދެއްކުންތެރިކަމަށް ކުރެވޭ މަސައްކަތެއްކަމަށް ބަލައިގެން ކުރާކަމެއް ކަމަށްވާނަމަ، އެކުރެވޭ މަސައްކަތުން ކުދިބަޔަކަށް ލިބޭނެ ހަގީގީ ކުރިއެރުމުގެ ނަތީޖާ ނުފެންނާނެއެވެ.
މިގޮތުން ވިޔަފާރި އުސޫލަށާ ދެއްކުންތެރިކަމުގެ އުސާލަށް އިސްކަންދިނުމުން ނުކުންނަ ބައެއް ނޭދެވޭ ނަތީޖާތަކަކީ:
# ގިނަ ކުދިންތަކަކަށް ތަމްރީނު ދީގެން ގިނަ އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރާއިރު، ކޮންމެ ކުއްޖަކަށް ބޭނުންވާ ފަރުދީ ސަމާލުކަމާއި ތަމްރީނުގެ ފެންވަރު ދަށްވެގެންދެއެވެ.
# ތަމްރީނު ދޭ ފަރާތުގެ މަގުސަދަކީ ހަމައެކަނި މާލީ މަންފާ އާއ ދެއްކުންތެރިކަން ކަމުގައި ވާނަމަ، ކުދިންގެ ކުރިއެރުމަށް ބޭނުންވާ ނަފްސާނީ އަދި އަހުލާގީ ބިނާކުރުމަށް ދެވޭ އަހަންމިއްޔަތު ކުޑަވެއެވެ.
# ސެޓްފިކެޓެއް ދިނުމަކީ ނުވަތަ ކޯހެއް ނިންމާލުމަކީ ނިމުމެއް ކަމުގައި ބެލެވުމުން، އަމަލީ މައިދާނުގައި އެ ކުދިންގެ ކިބައިގައި ހުންނަންޖެހޭ ހަގީގީ ގާބިލުކަން ނުހުރެއެވެ.
ތަމްރީނު ދިނުމަކީ އަމާނާތެކެވެ. އިސްލާމީ ރިވާޖުތަކާއި ދިވެހި ސަގާފަތް ބުނެދޭ ގޮތުގައި އުނގަންނައިދިނުމަކީ ހިދުމަތެކެވެ. ވިޔަފާރީގެ ނަފާވެރިކަމަށާއި ދެއްކުންތެރިކަމަށްވުރެ ބޮޑަށް، ތަމްރީނު ލިބޭ ކުއްޖާގެ ކުރިމަގަށް އިސްކަންދީގެން މެނުވީ، މުޖުތަމައަށް ބޭނުންތެރި ހަރުދަނާ ޖީލެއް ބިނާއެއް ނުކުރެވޭނެއެވެ. ހަގީގީ ކުރިއެރުމަކީ ކުއްޖާގެ ވިސްނުމާއި، ހުނަރާއި، އަހުލާގަށް އަންނަ ހެޔޮ ބަދަލެވެ.
ތަމްރީނުދޭ މަރުކަޒުތަކާއި ފަރުދުންގެ މައިގަނޑު މަގުސަދަކަށް ވާންޖެހޭނީ އިންސާނީ ވަސީލަތް ތަރައްގީކުރުމެވެ. ވިޔަފާރީގެ އުސޫލުތަކާއި ދެއްކުން ތެރިކަމުގެ ބަދަލުގައި، އިހުލާސްތެރިކަމާއެކު ދެވޭ ތަމްރީނެއްގެ ސަބަބުން މެނުވީ ހަގީގީ ނަތީޖާއެއް ނުނެރެވޭނެއެވެ. އެހެންކަމުން، ތަމްރީނު ދިނުމުގެ ނިޒާމުތައް ބައްޓަންކުރަންވާނީ ވިޔަފާރިއާއި ދެއްކުންތެރިކަމުގެ ފައިދާއަށްވުރެ ބޮޑަށް، ކުދިންގެ ކުރިއެރުމަށް އިސްކަންދީގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

