ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި މީދޫ ދާއިރާގެ ރަށު ކައުންސިލަށާއި ޑަބްލިޔުޑީސީއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ ރަށަށް ތަރައްގީއާއި ކުރިއެރުން ލިބެންއޮތް އެންމެ ރަނގަޅު މަގުކަމަށް، ޕީއެންސީގެ މީދޫ ދާއިރާގެ ރައީސް އަދި އެމްޓީޑީސީގެ ޗެއަރމަން އަހުމަދު ނިޔާޒު (ނިޔާޒު) ވިދާޅުވެއްޖެއެވެ.
އަންނަމަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި ބޭހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ ޕީއެންސީގެ ސަރުކާރާއެކު ސާބިތުކަމާއެކު މަސައްކަތް ކުރައްވަނީ ހަމައެކަނި ރަށަށް ފާގަތި އަދި އުންމީދީ މުސްތަގުބަލެއް ހޯދައިދިނުމުގެ މާތް މަގުސަދުގައި ކަމަށެވެ.
"އެނޫން އެއްވެސް ކަމެއްގައެއްނޫން، ރަށަށް ކުރިއެރުން ގެނައުމަށްޓަކައި މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ބަލާއިރު ޕީއެންސީ އަކީ އެންމެ ރަނގަޅު މަގު. ސަބަބަކީ ޕީއެންސީއަށް ނިސްބަތްވާ ސަރުކާރު އޮވެފައި، ޕީއެންސީގެ ކެންޑިޑޭޓަކު ކަމަކަށް ބުނީމާ އެކަން ކުރަން ފަސޭހަވެގެންދާނެ،"
ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ޕީއެންސީގެ ޓީމު ހޮވުމަށް މީދޫގެ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ، މީދޫ އަނެއްކާވެސް ދެ އަހަރާއި ބައިގެ މުއްދަތަށް އެއްވެސް ކަމެއް ނުވެ ފަހަތަށް ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި ސަރުކާރުން މީދޫގެ ތަރައްގީއަށްޓަކައި ގިނަގުނަ މަޝްރޫއުތަކެއް ރާވާފައިވާކަން ފާހަގަކުރައްވަމުން ނިޔާޒު ވިދާޅުވީ، އޭނާގެ އުންމީދަކީ ސަރުކާރާ ގުޅިގެން އެ މަސައްކަތްތައް ހަގީގަތަކަށް ހަދައި، ރަށަށް ހަގީގީ އާރޯކަން ގެނައުން ކަމަށެވެ.
ކައުންސިލް އިންތިކާބާބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ، މިއިންތިޚާބުގައި ވާދަކުރައްވާ އެހެން ފަރާތްތަކާއި ޚިލާފަށް ޕީއެންސީ ޓީމަކީ "ވަކި މީހަކު ބުނާގޮތް ހަދަން ވަކި މީހެއްގެ ފަހަތުން އެނބުރޭ ބައެއް" ނޫންކަމަށެވެ. ޕީއެންސީގެ ޓީމަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ގާބިލު ޓީމެއް ކަމަށާއި، ރަށަށް ތަރައްގީ ގެނެސްދެވޭނީ ސަރުކާރުގެ ފިކުރުގެ، ސަރުކާރާއެކު މަސައްކަތްކުރާނެ ބަޔަކު ހޮވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

