ކާޑިއޯވެސްކިއުލާ ޑިޒީޒް (ސީ.ވީ.ޑީ) އަކީ ހިތާއި، ލޭނާރުތަކާއި، އަދި ހަށިގަނޑުގެ ލޭދައުރުކުރާ މުޅި ނިޒާމަށް ޖެހޭ ތަފާތު އެކި ބަލިތަކަށް ކިޔާ ޢާންމު ނަމެކެވެ. މި ބަލިތަކުގެ އަލާމާތްތަކާއި، ދެވޭ ފަރުވާ އަދި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގިނަފަހަރަށް އެއްގޮތްވެއެވެ. މިއަދު ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ މައިގަނޑު ސަބަބަކީ ހިތުގެ ބަލިތައް ކަމުގައި ވީނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން މި ބަލިތަކުން ރައްކާތެރިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ބަލި ޖެހުމަށްފަހު ވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން އެދެވޭ ފަރުވާތަކެއް ލިބެން ހުރެއެވެ.
ހިތުގެ ބަލިތަކުގެ ތަފާތު ބާވަތްތައް
ހިތަށް ކުރިމަތިވާ މައިގަނޑު ބަލިތައް:
އެންޖައިނާ: ހިތަށް ބޭނުންވާ މިންވަރަށް ލޭ ފޯރުކޮށްނުދެވުމުގެ ސަބަބުން މޭގައި އުފެދޭ ވަރުގަދަ ރިހުން.
އެރިދްމިއާ: ހިތުގެ ވިންދު އާދަޔާ ޚިލާފަށް އަވަސްވުން ނުވަތަ ތަރުތީބެއް ނެތި ވިންދު ޖެހުން.
އުފަންވާއިރު ހުންނަ ހިތުގެ ބަލިތައް : އުފަންވާއިރު ހިތުގެ އޮނިގަނޑަށް ނުވަތަ އޭގެ މަސައްކަތަށް ދިމާވެފައިވާ މައްސަލަތައް.
ކޮރޮނަރީ އާޓަރީ ޑިޒީޒް: ހިތުގެ މަސްތަކަށް ލޭ ފޯރުކޮށްދޭ މައި ލޭނާރުތައް ބަލިކަށިވެ ހަލާކުވުން.
ހާޓް އެޓޭކް: ހިތަށް ލޭ ފޯރުކޮށްދޭ ހޮޅިއެއް ކުއްލިއަކަށް ބެދި، އޮކްސިޖަން ލިބުން މެދުކެނޑުން.
ހާޓް ފެއިލިއަރ: ހަށިގަނޑަށް ބޭނުންވާ މިންވަރަށް ލޭ ފޮނުވައިދިނުމަށް ހިތުގެ މަސްތައް ނުކުޅެދުން.
ލޭނާރުތަކަށް ދިމާވާ މައްސަލަތައް:
ޕެރިފެރަލް އާޓަރީ ޑިޒީޒް: އަތްފައިގެ ލޭނާރުތައް ހަނިވެ ލޭ ދައުރުކުރުމަށް ހުރަސްއެޅުން.
އެނިއުރިޒަމް: ލޭނާރެއްގެ ބައެއް ފުއްޕައި، ފަޅައިގެން ދިއުމުގެ ނުރައްކާ އޮތުން.
އެތެރޯސްކްލެރޯސިސް: ލޭނާރުތަކުގެ އެތެރޭގެ ފާރުގައި ސަރުބީ ނުވަތަ ޕްލާކް ހަރުލައި ލޭނާރުތައް ބެދުން.
ސްޓްރޯކް: ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ހޮޅިއެއް ބެދި ނުވަތަ ލޭގަނޑުވެ، ސިކުނޑީގެ ސެލްތަކަށް ގެއްލުންވުން.
ބަލީގެ އަލާމާތްތައްހިތުގެ ބަލިތަކުގައި އަލާމާތްތައް ފެންނަ މިންވަރު ބަލީގެ ބާވަތަށް ބަލައި ތަފާތުވެއެވެ. ހަކުރު ބަލި ނުވަތަ ލޭމައްޗަށް ދިއުން ފަދަ ހާލަތްތަކުގައި ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނިވެސް ހުރެދާނެއެވެ. އެހެންނަމަވެސް ޢާންމުކޮށް ފެންނަ އަލާމާތްތަކަކީ:
މޭގައި ރިހުން ނުވަތަ މޭމައްޗަށް ބަރުވުން.
އަތް، ކޮނޑު، ދަތްދޮޅި ނުވަތަ ބުރަކަށީގައި ރިހުން އުފެދުން.
ނޭވާލާން އުނދަގޫވުން.
މޭނުބައިކުރުމާއި އާދަޔާ ޚިލާފަށް ވަރުބަލިވުން.
ބޯއެނބުރުން.
ހަށިގަނޑުން ފިނި ދާހިއްލުން.
ބަލިޖެހުމަށް މެދުވެރިވާ ސަބަބުތައްހިތުގެ ބައްޔަށް މަގުފަހިކުރާ މައިގަނޑު ކަންތައްތަކަކީ:
ލޭމައްޗަށް ދިއުން.
ދުންފަތުގެ އިސްތިއުމާލުކުރުން.
ލޭގައި ކޮލެސްޓްރޯލް މަތިވުން.
ހަކުރު ބަލި ތަހައްމަލުކުރަން ޖެހުން.
ކަސްރަތު ނުކުރުމާއި ހަށިގަނޑު މާބޮޑަށް ފަލަވުން.
ނަފްސާނީ ބޮޑެތި ފިއްތުންތަކާއި ސްޓްރެސް.
ދިރިއުޅުމުގެ އާދަކާދައަށް ގެންނަންޖެހޭ ބަދަލުތަކާއި ރައްކާތެރިވުންހިތުގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހެއެވެ. ޚާއްޞަކޮށް ކުޑަކުދިންގެ އާދަކާދަތައްވެސް މިފަދަ ޞިއްޙީ އާދަތަކަށް ބައްޓަންކުރުން މުހިންމެވެ. މިގޮތުން:
ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުން: ބަރުދަނުން 5-10 އިންސައްތަ ލުއިކޮށްލުމަކީ ވެސް ބަލީގެ ނުރައްކާ އެތައް ގުނައަކަށް ކުޑަކޮށްދޭ ކަމެކެވެ.
ޤަވާއިދުން ކަސްރަތުކުރުން: ހަފުތާއަކު މަދުވެގެން 150 މިނެޓު މެދުމިންވަރެއްގެ ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުން އިތުރުކުރުން.
ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުން: ތަރުކާރީ، މޭވާ އަދި އޮމެގާ-3 އެކުލެވޭ ކާނާ ގިނައިން ބޭނުންކޮށް، ލޮނާއި، ހަކުރު އަދި ސަރުބީ ގިނަ ކާނާ މަދުކުރުން.
ދުންފަތާއި ބަނގުރަލުން ދުރުހެލިވުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، ގެއްލުންދެނިވި އެންމެހައި ތަކެތިން ދުރުހެލިވުން.
ފަރުވާބަލީގެ މަރުހަލާއަށާއި ބާވަތަށް ބަލައި ދެވޭ ފަރުވާ ތަފާތުވެއެވެ:
ބޭސްފަރުވާ: ކޮލެސްޓްރޯލް ދަށްކުރުމަށާއި، ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށާއި، ލޭ ދައުރުކުރުން ފަސޭހަކޮށްދިނުމަށް ދެވޭ ބޭސްތައް.
އޮޕަރޭޝަން: ބައިޕާސް ސާޖަރީ ހެދުން، އެންޖިއޯޕްލާސްޓީ ހެދުން ނުވަތަ ހިތުގެ ވޭލްވް މަރާމާތުކުރުން.
ރިހެބިލިޓޭޝަން: ޚާއްޞަ ކަސްރަތުތަކާއި ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް ދެވޭ އިރުޝާދާއި އެހީތެރިކަން.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ މައިގަނޑު ސަބަބަކީ ހިތުގެ ބަލިތަކެވެ. އެގޮތުން 2016 ވަނަ އަހަރު އެކަނިވެސް 17.9 މިލިއަން މީހުން މި ބަލިތަކުގައި މަރުވެފައިވާއިރު، މީގެ ތެރެއިން 85 އިންސައްތައަކީ ހާޓް އެޓޭކާއި ސްޓްރޯކްގެ ސަބަބުން މަރުވި މީހުންނެވެ.
ސުވާލާއި ޖަވާބު
ސުވާލު: ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަވެސް ޗެކްއަޕް ހެދިދާނެތަ؟
ޖަވާބު: އާދެ، އުމުރުން 20 އަހަރުން މަތީގެ ކޮންމެ މީހަކީވެސް، ބަލީގެ އަލާމާތެއް ނެތް ނަމަވެސް، ޤަވާއިދުން ހިތުގެ ބަލިތަކަށް ސްކްރީން ކުރަންޖެހޭ މީހެކެވެ. މިކަމާ ގުޅޭގޮތުން ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
މައުލޫމާތު: މެޑިކަލް ނިއުސް ޓުޑޭ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

