މީހުންގެ ކުރިމަތީގައި ވާހަކަދެއްކުމާއި މުޢާމަލާތްކުރުމުގެ ހުނަރަކީ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މީހުންނަށް ހިތްވަރު ދިނުމުގެ އިތުރުން މުޖުތަމަޢުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ނުފޫޒު ފޯރުވުމުގެ ބާރު ލިބިފައިވާ މުހިންމު ހުނަރެކެވެ.
މިގޮތުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ސާފު އަދި އަސަރުގަދަ ގޮތެއްގައި ވާހަކަދެއްކުމުގެ ހުނަރު އަށަގެންނެވުމުގެ މަޤްޞަދުގައި، ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް އައްޑޫ މީދޫގައި ބޭއްވުމަށް ހަމަޖެހިއްޖެވެ.
މި ޕްރޮގްރާމަކީ ސަދަން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަނާއި، އެސޯސިއޭޝަން ފޯ ވުމަން އެމްޕަވަރމަންޓް މޯލްޑިވްސް އަދި އައްޑޫ މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ ) ގުޅިގެން ހިލޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންގެ ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކުރުމަށް ގިނަ މުހިންމު ދާއިރާތަކަކަށް އަލިއަޅުވާލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
# ގިނަބައެއްގެ ކުރިމަތީގައި ވާހަކަދައްކަން ޖެހިލުންވުން ހުއްޓުވާނެ ޢަމަލީ ގޮތްތައް.
# އަޑުއަހާ މީހުންގެ ހަނދާނުގައި ހަރުލާ ފަދަ މެސެޖުތައް ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް.
# ވާހަކަދައްކާއިރު އަޑާއި ހަށިގަނޑުގެ ހަރަކާތްތައް (ބޮޑީ ލެންގުއޭޖް) ފައިދާހުރި ގޮތުގައި ބޭނުންކުރާނެ އުކުޅުތައް.
# މީހުންގެ އިތުބާރު ހޯދުމާއި، ޔަގީންކަމާއެކު އަޑުއަހާ ފަރާތްތަކާ ގުޅުން ބަދަހިކޮށް މުޢާމަލާތްކުރާނެ ގޮތްތައް.
ޕްރޮގްރާމްގެ ތަފްޞީލު
މުއްދަތު: 2 ދުވަސް (17 އިން 18 ސެޕްޓެމްބަރު 2026)
ގަޑި: ރޭގަނޑު 08:30 އިން 10:30 އަށް
ތަން: ސ. މީދޫ
އަގު: މުޅިން ހިލޭ
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ:https://forms.gle/rMahJchj3hWuNPHh9
"ޕަބްލިކް ސްޕީކިންގ" ޕްރޮގްރާމަކީ އައްޑޫ މީދޫގެ ރައްޔިތުންނަށް، ޚާއްޞަކޮށް ވާހަކަދެއްކުމުގެ ހުނަރު ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. ވީމާ، އެންމެހާ ފަރާތްތަކުން މި ފުރުޞަތުގެ ބޭނުން ހިފުމަކީ މުހިންމު ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

