އެބައެއްގެ އުފަން ފަސްގަނޑާއި ރަށްދެކެ ލޯބިވާ ކޮންމެ މީހަކީވެސް، އެ ރަށެއްގެ ކުރިއެރުމާއި އިޝްތިހާރުކުރުމަށް މަސައްކަތްކުރަންޖެހޭ މީހެއް ކަމަށާއި، މިގޮތުން ކޮންމެ ދުވަހަކުވެސް ރަށުގެ ރީތި ތަފާތު ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އައްޑޫމީދޫ މީދޫ ސޯޝަލް މީޑިއާގައި އިޝްތިހާރުކުރުމުގައި ފާހަގަކޮށްލެވޭ ޖަމްޝީދު (ޖަމްބޭ) ބުނެފިއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މީދޫގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި އާދަކާދަ ދައްކުވައިދޭ މަންޒަރުތައް ހިއްސާކުރުމުގައި އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްބޭ މިހެން ބުނެފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ލިޔުމެއްގައެވެ.

ޖަމްބޭގެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ޒަރީއާއިން މުޅި ދުނިޔެ ގުޅިލާމެހިފައިވާ މި ދުވަސްވަރު، ރަށުގެ ފަތުރުވެރިކަމާއި އެކި ދާއިރާތަކަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހެއެވެ. އެގޮތުން، ރަށުގެ މީހުންނާއި ޒުވާނުން އިސްނަގައިގެން ކޮންމެ ދުވަހަކުވެސް ރަށުގެ ގުދުރަތީ ރީތިކަން، އަތިރިމަތީގެ މަންޒަރުތައް، އަދި ތާރީޚީ ތަންތަން ފަދަ ތަފާތު ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމަކީ މުޅި ރާއްޖެއަށާއި ބޭރު ދުނިޔެއަށް ރަށް އިޝްތިހާރުވެގެންދާނެ ކަމެކެވެ.
މީގެ އިތުރުން، މިފަދަ ކަންކަމަކީ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެ، ރަށުގެ އިގްތިސާދަށްވެސް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
ޖަމްބޭ ބުނި ގޮތުގައި މިއީ ވަކި ޚަރަދެއް ނުގޮސް، ރަށަށް އޮތް ލޯތްބާއި ކުލުނު ހާމަކުރުމާއެކު ރަށުގެ ތަރައްގީއަށް ކޮންމެ ފަރުދަކަށްވެސް ފަސޭހަކަމާއެކު ކޮށްދެވިދާނެ އަގުހުރި ޚިދުމަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

