ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަން ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން އަމަލީ ގޮތުން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ގާއިމުވެފައި ނެތް ކަމަށެވެ.
"ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެންވީމާ، އެ ފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރައްޔިތުންގެ މަޖލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން،"
ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ޤައުމީ ދުވަހުގެ ތާރީޚީ ހާދިސާއާއި އިސްލާމްދީނާ އޮތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު އެކަމެއް ދިމާވެފައިވަނީ އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތަކެއް ތަންފީޒު ކުރަން އުޅުމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި އިސްލާމީ އުސޫލުތައް ހިމާޔަތްކުރުން ކޮންމެހެން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުޖުތަމައުގައި ތަހުޒީބު ސިފަތަކާއި އަހުލާގީ އަގުކުރުންތައް އާލާކުރުމަށް އަޒުމު ކަނޑައެޅުމަށްވެސް ރައީސް ގޮވާލެއްވިއެވެ. ދިވެހިންނަކީ އެކަކު އަނެކަކަށް އިހުތިރާމްކުރާ، އެއްބައެއްގެ އިހްސާސް ދިރުވާ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވަމުން، ޤައުމީ ދުވަހަކީ ދީނަށް ވަފާތެރިވުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ހުށަހެޅުމާއެކު، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު އިސްލާމީ ޝަރީޢަތުގެ އަސްލުތަކާ އެއްގޮތްވާކަން ކަށަވަރުކުރުމަށް އާ މަރުހަލާއެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ. މަޖިލީހުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް ފެށުމާއެކު މި ބިލުގެ ތަފްސީލުތައް ހާމަވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

