ބުރްކީނާ ފާސޯގެ އަސްކަރީ ސަރުކާރާއި އިސްލާމީ އިލްމުވެރިންނާ ދެމެދު އޮތް ގުޅުން ގޯސްވެ، ބޮޑެތި ހިޔާލުތަފާތުންތަކެއް އުފެދެން ފަށައިފިއެވެ. މި ނުތަނަވަސްކަން އުފެދިފައިވަނީ އަލަށް ތައާރަފުކުރި ގާނޫނުތަކާއި، ބައެއް އިލްމުވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ.
ކުރިން ނުފޫޒުގަދަ އިލްމުވެރިންގެ ތާއީދު އޮތް ނަމަވެސް، ބުރްކީނާ ފާސޯގެ އަސްކަރީ ލީޑަރު ކެޕްޓަން އިބްރާހީމް ޓްރައޮރޭ މިހާރު ވަނީ އެގައުމުގެ ދީނީ އިލްމުވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި "ހަރުކަށި ފިކުރުގެ އިސްލާމްދީނަށް" އެ ގައުމުގައި ޖާގައެއް ނެތެވެ. އަދި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް "ހަނގުރާމަ ފެށިއްޖެ" ކަމަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކުރެވޭ އިލްމުވެރިންނާ މުހާތަބު ކުރައްވައި ޓްރައޮރޭ ވިދާޅުވީ،
"ތިޔައީ ތިޔަބައިމީހުން ގަބޫލުކުރާ އިސްލާމްދީން ކަމަށްވާނަމަ، އަހަރެމެން އެއާ ދެކޮޅަށް ހަނގުރާމަ ކުރާނަމެވެ. ހަރުކަށި ފިކުރުގެ މީހުން އިސްލާހުވާން ޖެހޭނެއެވެ. އެހެން ނޫންނަމަ، ކުރިމަތިލުން މިވަނީ ފެށިފައެވެ."
މި ވާހަކަތަކުން ހާމަވަނީ ސަރުކާރާއި މުސްލިމް މުޖުތަމައުގެ ބައެއް ފަރާތްތަކާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމެވެ. ކުރިން ޓްރައޮރޭއަށް ތާއީދުކުރި ސުންނީ އިލްމުވެރިން މިހާރު ސަރުކާރާ ދެކޮޅުވެފައިވަނީ، ދީނީ މިނިވަންކަމާ ގުޅޭ އާ ގާނޫނާއި، މަޝްހޫރު އިލްމުވެރިން ހައްޔަރުކުރުމާ ގުޅިގެންނެވެ.
ޓްރައޮރޭ ގަބޫލުކުރައްވާ ގޮތުގައި ދީން ފަތުރަންވާނީ ގަދަކަމުން ނުވަތަ އަނިޔާވެރިކަމުންނެއް ނޫނެވެ. އޭނާ ވަނީ އާ ގާނޫނާ ދެކޮޅު ހަދާ މުސްލިމުންނާ ސުވާލު އުފައްދަވާފައެވެ. އަދި ހުތުބާތަކުގައި ހަރުކަށި ފިކުރު ފަތުރާ އިމާމުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ. ހަމައެއާއެކު، ސުލްހަވެރިކަމަށް ގޮވާލާ އިލްމުވެރިންނަށް ދައުލަތުގެ އެހީތެރިކަން ލިބޭނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން، ބޭރުގެ ބާރުތަކުން ދީން ބޭނުންކޮށްގެން ގައުމު ހަލަބޮލިކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޓްރައޮރޭ ވަނީ އަރަބި ގައުމުތަކުގައި އިސްލާމީ ޝަރީއަތް ކިޔަވަން ތިބި ބުރްކީނާ ފާސޯގެ ދަރިވަރުން އަނބުރާ ގައުމަށް ގެނައުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި 800,000 އަށްވުރެ ގިނަ ދަރިވަރުން އަމަލީ އެއްވެސް ހުނަރެއް ނެތި ހަމައެކަނި ދީނީ ތައުލީމު ހާސިލުކުރަމުންދެއެވެ. އަދި އެނބުރި އަންނަން ދެކޮޅުހަދާ ކުދިންގެ ރައްވެހިކަން ގެއްލިދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
މީގެ އިތުރުން، ޖޫން މަހުގެ ފަހުކޮޅު ސަރުކާރުން ނެރުނު އަމުރެއްގައިވާ ގޮތުން، ބޭރަށް ކިޔަވަންދާ ދަރިވަރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ. ސަރުކާރުން ބުނަނީ މިއީ ގައުމުގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން ދަރިވަރުން ބިނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ދީނީ މިނިވަންކަމުގެ އާ ގާނޫނު ޖޫން 20 ގައި ފާސްކުރީ ގައުމުގެ ސެކިއުލާ (ދީނާއި ދައުލަތް ވަކިވެފައިވާ) ސިފަ ދެމެހެއްޓުމަށެވެ. މި ގާނޫނުގެ ދަށުން، ދީނުގެ ނަމުގައި ކުދިން ލައްވާ ސަލާން ޖެއްސުމާއި، މާލީ ކަންކަން ހާމަ ކުރުން ފަދަ ކަންކަމަކީ ޖަލު އަދަބާއި ޖޫރިމަނާ ކަނޑައެޅޭނެ ކުށްތަކެވެ.
މި ގާނޫނާ ގުޅިގެން ސަރުކާރާއި މުސްލިމް މުޖުތަމައާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މެއި މަހުގެ ފަހުކޮޅު، އެގައުމުގެ މަޝްހޫރު ސުންނީ އިލްމުވެރިއެއް ކަމަށްވާ އިމާމް މުހައްމަދު އިސްހާގު ކިންޑޯ ވަނީ މި ގާނޫނަށް ފާޑުވިދާޅުވުމުން ހައްޔަރުކޮށްފައެވެ. ޓްރައޮރޭ ވިދާޅުވީ މިކަމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަކީ މަދު ބަޔަކު ކުރި ކަމެއް ކަމަށެވެ.
ސަރުކާރުން ވަނީ ވެރިރަށް އޮއާގަޑޫގޫގައި ހުންނަ އެންމެ ބޮޑު ސުންނީ މިސްކިތް ބަންދުކޮށްފައެވެ. އަދި އިމާމަށް ތާއީދުކުރާ 100 އެއްހާ މީހުން އަސްކަރީ ކޭމްޕަކަށް ގެންގޮސް "މަދަނީ ތަމްރީނު" ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގައުމުގެ އެތެރޭގެ ނުތަނަވަސްކަމުގެ ތެރެއިން، ޓްރައޮރޭ ވަނީ އިޒްރޭލުން ބުރްކީނާ ފާސޯއަށް ކަނޑައެޅި އާ ސަފީރު ސައިމަން ސެރޫސީއާ ބައްދަލުކުރައްވައި، އޭނާގެ ފަތްކޮޅު ގަބޫލުކުރައްވާފައެވެ. މިއީ ވެސް ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.
އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ދަނީ ސާހެލް ސަރަހައްދުގެ ގައުމުތަކާއެކު (ބުރްކީނާ ފާސޯ، މާލީ، ނައިޖަރު) ގުޅުން ބަދަހިކުރަމުންނެވެ. މި ގައުމުތަކުން ދަނީ އިޒްރޭލުގެ ސަލާމަތީ ޓެކްނޮލޮޖީއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ޓްރައޮރޭ ހަރުކަށި ފިކުރާ ދެކޮޅަށް "ހަނގުރާމަ" އިއުލާންކޮށްފައިވާއިރު، އުފެދޭ ސުވާލަކީ ސަރުކާރުން ދީނީ ކަންކަމުގެ މައްޗަށް ބާރު ފޯރުވަން ކުރާ މި މަސައްކަތުގެ ސަބަބުން ސަރުކާރުގެ ބާރު ގަދަވާނެތޯ ނުވަތަ މުޖުތަމައުގެ އެންމެ ނުފޫޒުގަދަ ފަރާތްތަކާ އޮތް ކުރިމަތިލުން އިތުރަށް ބޮޑުވާނެތޯއެވެ؟
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

